ބޯހިޔާ ވަހިކަމަށް ދޫކުރި ޕްލޮޓްތަކަށް އަރާ، ފެނާއި ނަރުދަމާގެ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައި ވާ ޕްލޮޓް ތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ވިއުގައަށް އަރާ ގޮތަށް ދޫކޮށްފައި ވާ ޕްލޮޓްތައް ދިނުން އަވަސް ކުރުމަށް އެސަރަހައްދުގައި އަޅާފައިވާ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލުކުރުމުށް ނިންމީ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ފެނާއި ނަރުދަމާ ހޮޅިތަކަށް އަރަ އެވެ. އެހެންވެ، ބިމުގެ އިން ވަކިކޮށްފައި އޮތަސް، އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. މި މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބާރު ސްޕީޑުގައި ޕްލޮޓްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ފަޒުލް އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް ތާރުގަނޑު ކަނޑައިގެން ކުރަން ޖެހޭ މަސައްކަތް ވެސް ކުރަން ފަށާނެ ކަމަށާއި ނަމަވެސް މިވަގުތު ބިންތައް ކޮނެގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށެވެ.

ބިންވެރިޔާ ޕްލޮޓްތަކަށް އަރާފައި ހުރި މަގު ނެގުމުގެ މަސައްކަތް ވެސް ފަށާނަން. އެއާ ބެހޭ ތަފްސީލު ވެސް ވަރަށް އަވަހަށް މީޑިއާ އާ ހިއްސާކުރާނަން،
ފަޒުލް ރަޝީދު

އެޗްޑީސީން އިން ބުނީ ގޯތިތަކަށް އަރާފައިވާ ނެޓްވޯކްތައް ނެގުމުގެ މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، މީގެއިތުރުން މައްސަލަ ޖެހިފައި ހުރި ސަރަހައްދުތައް ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަމަށެވެ.