ފުވައްމުލަކަށް ޒިޔާރަތް ކުރި ފަތުރުވެރިއަކު މޫދަށް އެރެން ވެގެން އެއްގަމުގައި ބެހެއްޓި ޑްރޯނާއި އެއާގުޅޭ ސާމާނާއި ވޮލެޓް, ފޯން އަދި ފައިސާ ވަގަށް ނަގާފައި ވާ އިރު އެކަން ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ, ހާދިސާ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އެ ހާދިސާ އަށް ފަހު ފަތުރުވެރިޔާ ދީފައިވާ އިންޓަވިއުއެއް އެކްސްގައި އާންމު ފަރާތަކުން ޕޯސްޓް ކޮށްފައި ވާ އިރު އޭނާ ބުނީ, ޑްރޯން އަރުވަން އުޅެފައި މޫދަށް އެރިލާން އުޅެނިކޮށް ދެ ކުއްޖަކު އޭނާ ކައިރިއަށް އައި ކަމަށާއި ބަލާބެލުމަށް އެއީ އުމުރުން 15 އާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ.
"އެ ކުދިން އައިސް އެހީ ޑްރޯންއާ ބެހޭ ގޮތުން, ޑްރޯންގެ އަގާ ބެހޭގޮތުން, ދެތިން މިނެޓެއް ހާއިރު ވާހަކަ ދެއްި, ދެން އަހަރެން ޑްރޯން ތިރިކޮށްފިން އޭރު" އޭނާ ބުނެފައި ވެއެވެ.
އޭނާ ބުނީ ދެން މޫދަށް އެރުނީ ކަމަށާއި މޫދުގައި އޮތް އިރު ފެންނަ ހިސާބުގައި އޭނާ ދުއްވަން ގެންގުޅުނު ސައިކަލު ފެންނަން ހުރި ކަމަށެވެ.
"މޫދުގައި އޮތް އިރު އަހަރެން ދިޔައީ ސައިކަލާ ދިމާއަށް ބަލަމުން, އޭރު ނުފެނޭ އެއްވެސް މީހަކު, ވެދާނެ އެމީހުން ގަސްތަކުގެ ތެރޭގައި ފިލާ ތިބީ ކަމަށް"
އޭނާ އަތުގައި އޮތް ނޫކުލައިގެ ތުވާއްޔެއް ދައްކަމުން އޭނާ ބުނީ މޫދަށް އެރުނު އިރު ޑްރޯން އޮންނާނީ ތުވާއްޔަށް ލައި އޮޅާލައި އޭނާ ގެންގުނު 2 ދަބަސް ކައިރީގައި ބާއްވާފައި ކަމަށެވެ. އެއް ދަބަހަކީ ޑްރޯން އާ ތަކެތި ލާން ގެންގުޅުނު ކަޅު ދަބަހެއް ކަމަށާއި ދެބަނަ ދަބަހަކީ ވޮލެޓާއި ފޯން ފަދަ އެއްޗެއްހި ލައި އުނަގަނޑުގައި އަޅުވާ ޒާތުގެ ވޮލެޓް ޕާސް [ދަބަހެއް] ކަމަށެވެ. އޭނާ ބުނީ އޭގެ ތެރޭގައި ކްރެޑިޓް ކާޑުތަކާއެކު ވޮލެޓާއި ވޯން އަދި ސައިކަލުގެ ތަޅުދަނޑިވެސް އޮންނާނެ ކަމަށެވެ.
"އޭގައި 200 ޑޮލަރާއި 150 ޑޮލަރަށް ވާ ރުފިޔާ ހުންނާނެ, ލާރި ގެއްލުނަސް އަހަރެންގެ ތަކެތި އަހަރެން ބޭނުން, ހުރިހާ އެއްޗެއް ގެއްލުނީ"
އޭނާ ބުނީ އެ ކުދިން ސައިކަލާއި އޭނާގެ އެތިކޮޅު ނަގައިގެން ދިޔައީ ކަމަށާއި އޭގެ ތެރޭގައި މުހިންމު ލިޔެކިޔުންތައް ވެސް ހުންނާނެ ކަމަށެވެ.
އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ އިރު ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ މިހާދިސާ އާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުގެ ތެރެއިން ބައެއް ބޭފުޅުން 'ދަ ޕްރެސް' އަށް ވިދާޅުވީ, އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނާ މެދު އެފަދަ ގޮތަކަށް ކަންކަން ކުރެވިގެން ނުވާނެ ކަމަށާއި އެ ކަމުގައި އިދާރާތަކުން އަވަސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.