ބިންވެރިޔާ ސްކީމުން ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ހަރަކާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ސުޖާއު ވެސް ބައިވެރިވަޑައިގެންނެވިއެވެ.

'ބިންވެރިޔާ ސްކީމް' ގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތީގެ އިން ވަކިކޮށް ބިން ހަވާލުކޮށްފައެއް ނުވާއިރު، އިން ވަކިކޮށް ހަވާލު ނުކޮށް ހުރީ ހިލައާއި ވެލި ފުނިތައް އަދި މަގުތަކަށް އަރާ ގޮތަށް ހުރި ގޯތިތަކެވެ. އޭގެ އިތުރުން ކަރަންޓާއި ފެނާއި ނަރުދަމާ ހޮޅިތަކުގެ މަތިން ދޫކޮށްފައިވާ ގޯތިތައްވެސް އަދި ހަވާލެއް ނުކުރެއެވެ.

ގޯތި ދޭން އިންވަކިކުރުމުގެ މަސައްކަތް ކުރަމުން ދަނީ

ވެލިފުނިތަކާއި ހިލަފުނިތައް ނެގުމުގެ މަސައްކަތްތައް މިހާރު ފަށާފައި ވާއިރު މަގަށް އަރާ ގޮތަށް ދޫކުރި ގޯތިތަކަށް ވެސް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ. އަދި ގާތްގަނޑަކަށް 180 ވަރަކަށް ބިން ފެނާއި ނަރުދަމާ އަދި ކަރަންޓު ނޫނީ އެޗްޑީސީގެ ނެޓްވޯކަށް އަރާ ގޮތަށް ދޫކޮށްފައިވާއިރު އެޗްޑީސީއިން އަންނަނީ ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ މަޝްވަރާކޮށްގެން ނެޓުވޯކުތައް ބަދަލުކޮށް އިންފާރު ރޭނުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު އޭގެތެރެއިން 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ.