ރަޝިއާގެ ކޮންވެންސަން ސެންޓަރަކަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.
ރަޝީއާގެ ވެރިރަށް ކަމަށްވާ މޮސްކޯގެ ރަށްބޭރުގައި ހުންނަ ދަ ކްރޮކަސް ސިޓީ ހޯލަަށް ރޭ ދިން ހަމަލާއެއްގައި 133 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފައެވެ. މި ހަމަލާ ދީފައިވަނީ ރަޝިއާގެ މަޝްހޫރު ރޮކް ބޭންޑެއް ކަމަށްވާ ޕިކްނިކްގެ ކޮންސަޓަކަށް 6،000 އަށްވުރެ ގިނަ މީހުންގެ ޖާގަ އޮތް ހޯލުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވަނިކޮށެވެ.
ހަތިޔާރު އެޅި 4 މީހަކު ވަދެ، އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް އޮޓޮމެޓިކް ބަޑިން ދިން މި ހަމަލާއަކީ ފާއިތުވި އަހަރުތަކުގައި ރަޝިއާގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި، ރަޝިއަން ފެޑެރޭޝަންގެ ސަރުކާރާއި ރައްޔިތުންނާއި، ހާއްސަކޮށް، މަރުވި މީހުންގެ އާއިލާތަކަށް، ތައުޒިޔާ ފޮނުއްވާފައެވެ. އަދި މި ހަމަލާ ދިވެހި ސަރުކާރުންވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހާދިސާ އާ ގުޅިގެން ރަޝިއާގެ ދާހިލީ ވުޒާރާއިން ބުނީ, ހަމަލާދިން 4 މީހުންނާއެކު ޖުމްލަ 11 މީހަކު މިހާރު ހައްޔަރު ކޮށްފައި ވާ ކަމަށާއި އެ 4 މީހުންނަކީ މުޅިންވެސް ރަޝިއާއިން ބޭރު މީހުން (ބޭރު ގައުމުތަކުގެ މީހުން) ކަމަށެވެ.
މި މީހުން ހައްޔަރު ކުރާ ބައެއް ފުޓޭޖްތައް ވެސް މިހާރު އާންމު ވެފައި ވާ އިރު ރަޝިއާގެ ސަލާމަތީ ބާރުތަކުން ވަނީ ހައްޔަރު ކުރި ބައެއް މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ގަދަ ދެއްކުމުން އަނިޔާވެސް ކޮށްފައެވެ. އެތަނުން އެއް ފްޓޭޖެއްގައި ފެންނަ ގޮތުން އެކެއްގެ ކަންފަތްވެސް ބުރިކޮށްލައެވެ.
ރަޝިއާގެ އެފްއެސްބީ ސެކިއިރިޓީ ސާވިސް އިން ބުނެފައި ވާ ގޮތުން މިހަމަލާ އަކީ ދުރާލައި ރާވައިގެން އަދި ހަތިޔާރުވެސް ދުރާލައި ރަޝިއާގެ ތެރޭގައި ފޮރުވާފައި ބެހެއްޓުމަށް ފަހު ދިން ހަމަލާއެކެވެ. މިހަމަލާގެ ޒިންމާ އައިސިލް-ކޭ ކިޔާ އައިސިސް ގެ ޖަމާއަތަކުން އުފުލާފައި ވާ އިރު ހަމަލާގައި ބައިވެރިވި މީހުންގެ ފޮޓޯވެސް އެމީހުން އާންމު ކޮށްފައި ވެއެވެ.
މިހަމަލާ އައިސިސް އަށް ނިސްބަތްވާ އައިސިލް-ކޭ ކިޔާ ޖަމާއަތުން ދިނުމުގެ ފަހަތުގައި ވަނީ ސީރިއާ އާއި އަފްގާނިސްތާންފަދަ ގައުމުތަކުގައި އައިސިސް އާ ދެކޮޅަށް ރަޝިއާއިން ކުރާ ހަނގުރާމައިގެ ބަދަލު ހިފުން ކަމަށް ބައެއް ރިޕޯޓުތަކުން ބުނި ނަމަވެސް މިހަލާ ދިން ސަބަބެއް އެ ޖަމާއަތުން ހާމަ ކޮށްފައެއް ނުވެއެވެ. މި ހަމަލާ އާ ގުޅިގެން ރައީސް ވަލްޑިމިއާ ޕުޓިން ވިދާޅުވީ, ޒިންމާ ވާ އެކަކުވެސް ދޫނުކުރާނެ ކަމަށާއި ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.