މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މީގެ 12 ދުވަހެއްހާ ކުރިން އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުން ތަކުގެ ތެރެއިން އެމެރިކާއިން އީރާނަށް ހަމަލާދިނެވެ. އެއާއެކު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ހެނދުނުގެ ނިޔަލަށް ބަންދުކުރިއެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ ބަދަލު ހިފަން މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދައިދަށް 19 މިސައިލް ހަމަލާއެއް އަމާޒު ކުރިއެވެ. ކުރު ރާސްތާ މިސައިލުން ދިން އެ ހަމަލާގެ ތެރެއިން 18 މިސައިލް ވައިގެ ތެރޭގައި ގޮއްވާލި އިރު ވެއްޓުނު ހަމައެކަނި މިސައިލުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
'އެކްސް'ގައި ޒަމީރު ލިޔުއްވިގޮތުގައި މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ދަނީ ކާބޯތަކެއްޗާއި ހަކަތަ އާއި ޖުމްލަކޮށް މާލީގޮތުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި މަސައްކަތްކުރަމުންނެވެ.
"އަޅުގަނޑުމެން މި ދަނީ ކަމާ ގުޅުންހުރި އިދާރާތަކާ އެކު [ހަމަލާތަކުގެ ސަބަބުން] މާކެޓުގެ އަގުތަކާއި އިންފްލޭޝަނަށާއި ވިޔަފާރިއަށް ކުރާ އަސަރު ދެނެގަތުމަށްޓަކައި ގާތުން މަސައްކަތްކުރަމުން" ޒަމީރު ލިޔުއްވާފައިވެއެވެ.