އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯނެއް ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ކުންފުންޏެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ވަނީ ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ. މި ހަފްލާގެ - ރައީސް މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިކަމާ ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.

އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ވަނީ، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ ކަމަށެވެ. އެގޮތުން އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރަކަށް ކަމަށްވާއިރު މި ސެންޓަރު ވެގެންދާނީ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ސަގާފީ ހަރަކާތްތަކާއި، އައު އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެ ތަނަކަށެވެ.

އެމްއައިއެފްސީ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން

މީގެ އިތުރުން ވެސް މި ޕްލޭންގައި ހިމެނެނީ ބައިނަލްއަގްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން ދާއިރާތަކަށް އިގްތިސާދު ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މާލީ ދާއިރާ ކުރިއަރުވައި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ރާއްޖެ ގާއިމު ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްގީގެ މި މަޝްރޫއު ފަރުމާކޮށްފައިވަނީ މާސްޓަ ޕްލޭނާ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.

އެމްއައިއެފްސީ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން

މި މަޝްރޫއުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. އެ ސަރަހައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށާއި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވީ، މިއީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި މިއީ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިގްތިސާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ހިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން ރާއްޖެ އަންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.