ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުން ލިބިދާނެތީ ހުއްދައާއި އިރުޝާދު ހޯދަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

އެޗްޑީސީއިން ބުނީ ރާއްޖޭގައި ބޭއްވޭ އާންމު އިންތިހާބުތަކާ ގުޅިގެން ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ ތަކެތި ހަރުކުރުމުގެ ފުރުސަތު ހުރިހައި ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޑީސީއިން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ކެމްޕެއިން ކުރުމަށް ހުޅުމާލެ ފޭސް 1 އަދި 2 ގެ އެކި އެކި ސަރަހައްދުގައި ހަރުކުރަމުންދާ ބެނާއާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރާތްތަކުން އަޅާފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންގޮސްދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި، ހިދުމަތް މެދުކެނޑޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ ކުރިއަށް އޮތްތަނުގައި މިފަދަ ކެންވާސްތަކާއި ބެނޭތައް ހަރުކުރާ ފަރާތްތައް އެ ކަމަށް ސަމާލުވެ، ކެމްޕެއިން ތަކެތި ހަރުކުރުމުގެ ކުރިން އެ ކޯޕަރޭޝަންގެ ހުއްދަ ހޯއްދަވައި ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އެއާއެކު އެޗްޑީސީއިން ވަނީ ކެމްޕެއިން ތަކެތި ބެހެއްޓޭނެ ތަންތަން ވަކިކޮށް، ޗާޓެއްވެސް ނެރެފައެވެ.

ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރެވޭނެ ސަރަހައްދުތައް/ ފޮޓޯ: އެޗްޑީސީ

އެޗްޑީސީއިން އިތުރަށް ބުނީ އއެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ބިޒަނަސް ސޮލިއުޝަނުގެ ނަމްބަރު 3355306 ނުވަތަ އީމެއިލްކޮށްލައިގެން ހޯދޭނެ ކަމަށެވެ.