އިޒްރޭލުން ގާޒާގެ ރަފާ އަށް އެރުމުގެ ހުރިހާ ތައްޔާރީތަކެއް ނިންމާ އިއުލާން ކޮށްފައި ވަނިކޮށް ހަމާސް އިން ހުށަހެޅި އާ ސުލްހައިގެ ޕްލޭނާއެކު މަޝްވަރާއަށް އިޒްރޭލުގެ ވަގުދެއް ގަތަރަށް ހިނގައްޖެއެވެ.

ހަމާސްގެ ކަރުދާހުގައި ހުށަހަޅާފައި ވަނީ މައިގަނޑު 3 މަރުހަލާއަކަށް ހަމަލާތައް ހުއްޓާލާ ގޮތަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ގާޒާގެ މެދުތެރޭގެ ސަލާހް އަލްދީން ސްޓްރީޓުގެ ފަހަތަށް އިޒްރޭލު ސިފައިން ފައިބަން ޖެހެއެވެ. އެއާއެކު އެ ސަރަހައްދުން ފޮނުވާލި ގާޒާގެ ރައްޔިތުންނަށް އަނބުރާ ގެއަށް އައުމުގެ ފުރުސަތު ދޭން ވެސް ހިމަނާފައި ވެއެވެ.

3 މަރުހަލާއިން ކުރެ ކޮންމެ މަރުހަލާއެއްގައި 42 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައި ވާ އިރު ފުރަތަމަ މަރުލަހާގައި ދެން ހިމެނެނީ ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން މިނިވަން ކުރާ ކޮންމެ އަންހެނަކަށް އިޒްރޭލުގެ އަތްދަށުގައި ތިބި ފަލަސްތީނުގެ މީހުންގެ ތެރެއިން 50 މީހުން މިނިވަން ކުރުމެވެ.

ދެވަނަ މަރުހަމާގައި ހިމެނެނީ ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލު ސިފައިންގެ ތެރެއިން މީހުން މިނިވަން ކުރުމުގެ ކުރިން ދާއިމީ ސުލްހައެއް އިއުލާން ކުރުމެވެ.

ތިންވަނަ މަރުހަލާގައި ހިމެނެނީ މުޅި ގާޒާއިން އިޒްރޭލު ސިފައިން ފޭބުމާއެކު ގާޒާ އާރާސްތު ކުރުމުގެ މަސައްކަތް ފެށުމެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ, ހަމާސްގެ ހުށަހެޅުން ލިބުމާއެކު ހަނގުރާމައާ ބެހޭ ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު އިޒްރޭލުގެ ޓީމެއް ގަތަރަށް ދާނެ ކަމަށެވެ. ނަމަވެސް ރަހީނުން މިނިވަން ކުރަން ހަމާސް އިން ހުށަހަޅާ ގޮތަކީ ހަމަޖެހޭ ގޮތެއް ގޮތެއް ނޫންކަމަށް ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފައެވެ. މިއާއެކު ނަތަންޔާހޫ ބުނީ, ރަފާ އަށް އަރައިގަތުމަށް ވާން ޖެހޭ ތައްޔާރީތައް އިޒްރޭލުން ނިންމާ އަސްކަރީ އޮޕަރޭޝަން ފެށުމުގެ ހުއްދަ މިހާރު ދީފައި ވާ ކަމަށެވެ.

ނަތަންޔާހޫގެ މިވާހަކަތަކާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ, އިޒްރޭލުން ރަފާ އަށް އެރުމަށް ފާސްކުރި ޕްލޭން އެމެރިކާއަށް ނުފެންނަ ކަމަށާއި އެއީ ރަފާގައި ތިބި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވި ތަންފީޒު ކުރެވިދާނެ ޕްލޭނެއްތޯ އެމެރިކާއިން ބަލަން ބޭނުންވާ ކަމަށެވެ.

އިޒްރޭލުން ގާޒާ ހަނގުރާމަ ފެށިފަހުން އުތުރާއި މެދުތެރެ ހުސްކޮށް ދެކުނާ ވަކިކޮށްލާފައި ވާ އިރު, ގާޒާގެ އާބާދީގައި ހިމެނޭ 2.3 މިލިއަން މީހުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންގެ 1.5 މިލިއަން ތިބީ ރަފާގައެވެ. ބާކީ 300,000 އެއްހާ މީހުން އަދިވެސް ގާޒާގެ އުތުރުގައި ތިބި އިރު އެމީހުންނާ ދެކުނާ ވަނީ އެއްކޮށް ގުޅުން ކަނޑާލާފައެވެ.

ރަފާގައި އެތައް ހާސްބަޔަކު މަގުމަތީގައި އުޅެމުން ގެންދާ އިރު ނިދޭނެ ގޮތެއް ކާނެ, ބޯނެ އެއްޗެއް ނެތި އަދި ގައިންބޮލުން ތާރިހުވެވޭވެ ގޮތެއް ނެތި ތިބޭތާ އެތައް މަހެއް ވެއްޖެއެވެ. އިޒްރޭލުން ރަފާ އަށް އަރާނެ ކަމަށާއި އެމެރިކާއިން ދެކޮޅު ހެދިޔަސް އެކަން ނުހުއްޓާނެ ކަމަށް ބުނެ އިންޒާރު ދީފައި ވާ އިރު އިޒްރޭލުގެ މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ގޮވާލައި އަޑުތައްވެސް އިޒްރޭލުގައި ވަނީ ގަދަވެފައެވެ. އެގޮތުން އެތައްހާސް ބަޔަކު ތެލްއަވީވްގެ މަގުތަކަށް ނިކުމެ ނަތަންޔާހޫ އާ ދެކޮޅަށް އަޑުއުފުލަމުން ދާ އިރު އަވަސް އިންތިހާބަކަށް ވެސް ވަނީ ގޮވާލާފައެވެ.

މިއާއެކު އެމެރިކާގެ ތެރޭގައި ވެސް އިޒްރޭލުގައި އަވަސް އިންތިހާބެއް ބޭއްވުމުގެ ވާހަކަ ފެށިފައިވާ އިރު އަވަސް އިންތިހާބެއް ބޭއްވުމަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޖޯ ބައިޑަންވެސް މިއަދު ވަނީ ވިދާޅުވެފައެވެ.