ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސުލައިމާން އަލް އުބައިދު ޝަހީދުވުމާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކުރި ޕޯސްޓަކާ މެދު މިސްރު އަދި ލިވަޕޫލުގެ ފޯވަޑް މުހައްމަދު ސަލާހް ކުރި ސުވާލުތަކެއް ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ވައިރަލް ވެއްޖެއެވެ.
އުބައިދު ޝަހީދުވީ ފަލަސްތީނުގެ ގައްޒާގައި އިންސާނީ އެހީ ހޯދުމަށް އެއްވި ބަޔަކަށް އަމާޒުކޮށް އިޒްރޭލުން ދިން އަނިޔާވެރި ހަމަލާއެއްގައި މިދިޔަ ބުދަ ދުވަހު އެވެ. މިކަން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފަލަސްޠީނުގެ 'ޕެލޭ' ގެ ގޮތުގައި މަޝްހޫރުވި އުބައިދަށް އަލްވަދާއު ކިޔާ ޔޫއެފްއާ އިން ކުރި ޕޯސްޓެއްގައި ބުނީ އޭނާއަކީ އެންމެ އަނދިރި ދުވަސްތަކުގައި ވެސް އެތަށް ކުދިންނަށް އުއްމީދު ގެނެސްދިން ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. ޔޫއެފްއާގެ ޕޯސްޓްގައި އުބައިދު ޝަހީދުވާން ދިމާވި ސަބަބާ ހާލަތާ މެދު އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު ލިވަޕޫލުގެ ފޯވަޑް ވަނީ މިކަމާ މެދު ސުވާލު އުފައްދާފައެވެ.
މި ގޮތުން އެކްސްގައި ޔޫއޭފްއާއިން ކުރި ޕޯސްޓް ހިއްސާކުރަމުން ސަލާހް ވަނީ އުބައިދު މަރުވީ ކިހިނެއް، ކޮންތާކު އަދި ކީއްވެތޯ އަހާ ޔޫއޭފްއާ ސުވާލުކޮށްފައެވެ. ސަލާހް ކުރި މި ޕޯސްޓަ 61.9 މިލިއަން ފަހަރު މީހުން ވަނީ ބަލާފައެވެެ. އަދި އެތަށް ހާސް ބަޔަކު މި ޕޯސްޓް އަލުން ހިއްސާކޮށްފައިވާ އިރު އެތަށް ހާސް ބަޔަކު ދަނީ މި ޕޯސްޓަށް ކޮމެންޓް ކުރަމުންނެވެ.
2025 ވަނަ އަހަރުގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލަންޑޯ އަށް ވެސް ހޮވިފައިވާ ސަލާހް ވަނީ މީގެ ކުރިން ވެސް ގައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ގޮވާލާ ވަކާލާތުކޮށްފައެވެ.
އިސްރާއިލުން ގައްޒާއަށް ހަމަލާ ދޭން ފެށިތާ 2 އަހަރާ ގާތްވާ އިރު ބަނޑުހައިހޫނު ކަމުގައި ފަލަސްތީނުގެ އެތަށް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. ގައްޒާއަށް އިންސާނީ އެހީ ވައްދާ މަގުތައް އިޒްރޭލުން ބަންދުކޮށްފައިވާ އިރު އެހީ ހިފައިގެން ދާ އުޅަނދުތަކުގެ ދަށަށް އެއްވާ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން މިދިޔަ މޭއި ފެށިގެން ދީފައިވާ ހަމަލާތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އދން ބުނެއެވެ.