ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންގެ އަގުވަޒަންކޮށް "އެމްޕްލޯއީ ސްޓާ އެވޯޑްސް" 9 މުވައްޒަފަކަށް ދީފިއެވެ.
މި އެވޯޑަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުންގެ އިތުރުން ތައުލީމާއި، ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް، ކޮންމެ މަހަކުވެސް އެ ބޭންކުން ދެމުން ގެންދާ އެވޯޑެކެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ޝަރީފް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ގަވާއިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް ކަމަށެވެ.
މުވައްޒަފުންކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ ސްޓާ އެވޯޑްސް ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. މި އެވޯޑްގެ އިތުރުން، ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސަރވިސް އެވޯޑްސް' ވެސް ބޭންކުން އަންނަނީ ބާއްވަމުންނެވެ.