ގާޒާ ހިފަން ނިންމާ އިއުލާން ކުރުމަށް ފަހު ހަމަލާތައް ވަރުގަދަކޮށް އަލްޖަޒީރާގެ 5 ނޫސްވެރިއަކު މަރާލައިފިއެވެ.
ގާޒާގެ ހާލަތު ދުނިޔެއަށް ކިޔައިދީ އަދި އެ މަންޒަރުތައް ދުނިޔެއަށް ދައްކައިދިނުމުގައި އެންމެ އަވަދިނެތި ހަރަކާތްތެރިވާ ނޫސް އެޖެންސީ، އަލްޖަޒީރާގެ ނޫސްވެރިން ތިބި ޓެންޓަށް އިޒްރޭލުން ހަމަލާދިނީ ރެއެވެ.
ގާޒާގެ އަލް ޝިފާ ހޮސްޕިޓަލާ ކައިރީގައި ނޫސްވެރިން ތިބުމަށް ގާއިމު ކޮށްފައިވާ ޓެންޓްގައި އެ މީހުން ތިއްބާ އިޒްރޭލުން އަމާޒު ކުރީ މިސައިލެކެވެ. އެ ހަމަލާގައި މަގުބޫލު ނޫސްވެރިއާ އަނަސް އަލް ޝަރީފާއެކު އޭނާގެ ޓީމުގައި ހިމެނޭ 4 މީހުން މަރުވި އިރު ހަމަލާ އަމާޒުވި ސަރަހައްދުން އިތުރު 3 މީހަކު ވެސް މަރުވިއެވެ.
އެ ހަމަލާގައި މަރުވި އަލްޖަޒީރާގެ ނޫސްވެރިންގެ ތެރޭގައި މުހައްމަދު އަލްގުރައިގް އާއި ކެމެރާ ކުރުމުގެ މަސައްކަތް ކުރާ އިބްރާހިމް ޒާހިރު، މުހައްމަދު ނައުފަލް އަދި މޯމިން އަލިވާ ހިމެނެއެވެ.
މި ހަމަލާގައި އަލް ޝާރިފް މަރާލުމުގެ ކުރިން އޭނާ ވަނީ އިޒްރޭލުން ގާޒާގެ އިރުމައްޗާއި ދެކުނަށް ވަރުގަދަ އަށް ބޮން އަޅަމުން ދާ ކަމަށް ބުނެ ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. އިޒްރޭލުގެ ހަމަލާގެ މަންޒަރުތަކާއެކު އޭނާ ކުރި ޕޯސްޓުގައި ބާރު އަޑުފައްގަނޑާއެކު ބޮންތައް ގޮވާއަޑު އިވެއެވެ. އެ ގޮވުންތަކުގެ އަލި ކަޅު އަނދިރިކަން ވެރިވެފައި އޮތް އުޑުމައްޗަށް އަރަމުން ދާތަން ފެންނަން ހުއްޓެވެ.
އޭނާ ލިޔެފައި ވެއެވެ. "ހުއްޓުމެއް ނެތި ބޮން އަޅަނީ، 2 ގަޑިއިރު ވެއްޖެ، އިޒްރޭލުގެ އަނިޔާވެރި ވަރުގަދަ ކޮށްފި" އެވެ.
ޝާރިފް މަރުވުމާއެކު އާންމު ކުރަން އޭނާ އޭޕްރިލް 6، 2025 ގައި ލިޔެފައި ވާ މެސެޖެއް މިއަދު އާންމު ކޮށްފައި ވާ އިރު އޭގާއި ވަނީ "ދިރި ހުރީ ހަޑިގަނޑުގައި އަޅާނެ އިންތިހާ ވޭނުގަ" އެވެ. އަދި "ހިތާމައާއި ވެކިވެދިޔުމުގެ ކިތަންމެ ވަގުތެއް ތަހަންމަން ކުރީމެވެ."
އިތުރަށް އޭނާ ބުނެފައި ވަނީ، "އެހެނެއް ކަމަކު ތެދު ހާމަ ކުރުމުގައި ކުޑަވެސް ފަސްޖެހުމެއް އަދި ޖެހިލުމެއް އަހަރެންފެ ނެތެވެ. އެއްވެސް ފޮރުވުމެއް އަދި އޮޅުވާލުމެއް ނެތިއެވެ. އަހަރެމެން މަރަމުން ދާ އިރު މަންމަން ވެ (ބަހެއް ނުބުނެ) އެ ގޮތް ވަރިހަމަ ކޮށްލައިގެން ތިބި މީހުންގެ މައްޗަށް ހެއްދެވި ފަރާތް ހެކިވެވޮޑިގަންނަވާނެ" އެވެ.
އަދިވެސް އޭނާ ލިޔެފައި ވެއެވެ. "އަނިޔާވެރިކަމުގެ ސަބަބުން ޗިސްޗިސް ވެފައި ވާ އަހަރެމެންގެ ތުއްތު ކުދިންނާއި އަންހެނުންގެ ހިތްތައް ވެސް ތެޅިލާނެހާ ވަރެއް މިއަދު އެމީހުންގެ ހަށިގަނޑުގައި ނެތެވެ. ނުވަތަ އަހަރަކާއި ބައި ވެ ދިގުލައި ދިޔަ ގަތުލުއާންމު ހުއްޓުވާނެ ހިތްވަރެއްވެސް ނެތެވެ."
އަދި ނިންމާލަމުން ބުނެފައި ވަނީ، ފިރިހެން ދަރިފުޅު ސަލާހު ލޮލަށް ނުފެނި އަންހެން ދަރިފުޅު ޝާމް ބޮޑުވާތަން ނުދެވި ލޯބިވާ އަންހެނުން ބަޔާން އާ ވަކިވެ ދަނީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
މި ހަމަލާ އާ ގުޅިގެން އަލްޖަޒީރާއާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަކާލާތާކުގެ ކުރާ ފަރާތްތަކުން އިޒްރޭލު ކުށްވެރި ކުރަމުން ދިޔަ ނަމަވެސް އެޒްރޭލުން އެކަމުގައި މާބޮޑު އަޅާލުމެއް ނުދެއެވެ. ބުނެފައި ވަނީ އަލް ޝާރިފް މަރާލީ އޭނާ ހަމާސްގެ ސެލް އަކަށް ވަންނާތީ ކަމަށާއި އެތަނަށް ވަދެ އިޒްރޭލުގެ އާންމުންނާއި ސިފައިންނަށް އަމާޒު ކޮށް ރޮކެޓް ހަމަލާ ދޭތީ ކަމަށެވެ. އެއާއެކު ބުނެފައި ވަނީ އޭނާ އާއި ހަމާސް އާ ގުޅުން އޮންނަ ކަމުގެ ސާފު ހެކި ވެސް ހުރި ކަމަށެވެ.
ރޮލަށް ބުހުތާނު ދޮގު ހަދަމުން އިޒްރޭލުން ގާޒާގެ އެންމެން މަރާ ހުސްކުރުމުގެ ކެމްޕެއިން ހިންގަނީ އެތަނުގައި ޔަހޫދީ އާބާދީ ހަދާށެވެ.