ގާޒާގެ ކޮންޓްރޯލް ނެގުމަށް އިޒްރޭލުން ރާވާފައިވާ ރޭވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އިޒްރޭކުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް ވިދާޅުވީ، ގާޒާގެ ކޮންޓްރޯލް ނެގުމަށް އިޒްރޭލުން ރާވާ ރޭވުން ކުށްވެރި ކުރާ ކަމަށާއި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގަށް ވަރަށް ބޮޑު އުނިކަން އަންނާނެ ކަމެއް ކަމަށާއި މި ނިންމުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ސުލްހަ އާއި ސަރަހައްދީ ހަމަޖެހުމަށް ވެސް އޮތް ނުރައްކަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް ތާއީދު ކުރައްވާނެ ކަމުގެ ުަގީން ކަން ދެއްވަމުން ރައީސް ވިދާޅުވީ، ގާޒާގެ ކޮންޓްރޯލް އަތުލުމަށް ނުވަތަ ފަލަސްތީނުގެ ބާރުވެރި ކަމާއި އިސްތިގްލާލަށް އުނިކަން ގެނައުމަށް ކުރާ އެއްވެސް މަސައްކަތަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ގާޒާގެ މައްޗަށް އިޒްރޭލުން އިތުރަށް ކޮންޓްރޯލް ކުރުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށް ރައީސް ގޮވާލެއްވިއެވެ.

ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށާއި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިނގާ އެންމެހާ ހިލާފު އަމަލުތަކަށް ޖަވާބުދާރީވުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެ އިން ގިވާލާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގެ ދަށުން ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ޝަހީދު ކުރަމުންދާ ކަމަށް އދ އިން ވަނީ ބުނެފައެވެ. އޮކްޓޯބަރު 7، 2023ގައި އިޒްރޭުން ދޭން ފެށި ހަމަލާތަކަށް ފަހު މިހާތަނަށް ގާޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 60،900 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޝަހީދުކޮށްލި ކުޑަކުދިންގެ އަދަދު ވަނީ 18000 އަށް ވުރެ މައްޗަށް އަރާފައެވެ.