ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދެވުމުން، ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވާން ތައްޔާރަށް އޮތް ކަމަށް ދިވެހިރާއްޖެއިން ހާމަކޮށްފިއެވެ.
ރާއްޖެއިން މި ފަދައިން ހާމަކޮށްފައި ވަނީ އިއްޔެ ބޭއްވި މަތީ ފެންވަރުގެ ބައިނަލްއަގްވާމީ ކޮންފަރެންސްގައެވެ. އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު، އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވަނީ، ނަސްލު ނައްތާލުން ހުއްޓުވުމަށްޓަކައި ނިންމުންތައް ނިންމާނެ ފަދަ ފިޔަވަޅުތަކެއް އަޅައި، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލާފައެވެ.
އަދި ފަލަސްތީނުގައި އިޒްރޭލުން ގަސްތުގައި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާއި، އިންސާނިއްޔަތާ ހިލާފު ހާލަތްތައް ދިމާކުރަމުންދާކަން ފާހަގަކުރައްވައި، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރާއްޖެއިން ވަނީ ނަސްލު ނައްތާލުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށްޓަކައި ޑިޕްލޮމެސީގެ އުސޫލުތަކާއި، ގިނަ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
މީގެ އިތުރުން ވެސް މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ، 1967 ވަނަ އަހަރަށްވުރެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށް ކަމުގައިވާ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ބައިނަލްއަގްވާމީ މުޖުތަމައުއިން ގަބޫލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި، ޔޫއެންއާރުޑަބްލިޔުއޭ (UNRWA) އަށް ދެމުންދާ އެހީތެރިކަން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ވެސް ގޮވާލާފައި ވެއެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ވަނީ، ފަލަސްތީނު އަލުން ބިނާކުރުމަށް އަރަބި ގައުމުތަކުން ހުށަހަޅާފައިވާ ކަންކަމަށް، އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން ހާމަ ކޮށްފައެވެ.
ގާޒާ އަލުން ބިނާކުރުމަށް މިސްރުން އިސްވެ އަރަބީންގެ ޕްލޭންގެ ނަމުގައި ޕްލޭނެއް އިއުލާންކުރީ، ގާޒާ ބިނާކޮށް ދުނިޔޭގެ މަހުޖަނުން މަޖާކޮށް އުފާކުރަންދާ 'ރިވިއޭރާ' އަކަށް ގާޒާ ހެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ފެށުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ ޕްލޭންގައި، ގާޒާގެ އާންމުން ރަށުން ބޭރުކޮށް ގާޒާ ހުސްކޮށްލަން ހިމެނޭތީ، މިސްރު ޕްލޭންގައި އެކަމާ ދެކޮޅު ހަދާފައި ވެއެވެ. މިސްރުގެ ގާޒާ ޕްލޭން، އަރަބި ގައުމުތަކުން އެޑޮޕްޓްކުރީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އިސްލާމީ އެތައް ގައުމަކުންވެސް އެ ޕްލޭނަށް ތާއީދު ކޮށްފައި ވެއެވެ. އޭގެ އިތުރުން ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ފްރާންސް، ޖަރުމަނީ، އިޓަލީ އަދި ޔޫކޭއިންވެސް މިސްރު ޕްލޭނަށް ތާއީދުކޮށްފައި ވެއެވެ.
މި ޕްލޭނަށް ދެކޮޅު ހަދާފައިވަނީ އެމެރިކާއާއި އިޒްރޭލުންނެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި 1،100 އަށް ވުރެ ގިނަ މީހުން މަރާލައި 250 މީހުން ރަހީނުކުރުމާ ގުޅިގެން ބަދަލުހިފުމަށް ޔަހޫދީ އިޒްރޭލުން އަންނަނީ ގާޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒްރޭލުން އެންމެ ފުރަތަމަ ގާޒާއަށް ހަމަލާ ދިނީ ވައިގެ މަގުންނެވެ. އޭގެ ފަހުން، މިހާރު އެމީހުން ހަމަލާތައް ދެނީ ވައިގެ މަގުންނާއި އެއްގަމު މަގުންނެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުން ގާޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 58,895 މީހުން ޝަހީދުކޮށްލައި 140,980 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.