މާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ 48 ވެހިކަލް ރޭ ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ މާލެ ސަރަހައްދުގައި ދިމޭވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެެވެ.

މިދިޔަ ހަފްތާ ތެރޭގައި އެފަދަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިދިޔަ 2 ދުވަހުގެ ތެރޭގައި ފުލުހުން ވަނީ 88 ވެހިކަލެއް ޓޯކޮށްފައެވެ. އެއީ ބުދަ ދުވަހުގެ ރޭ ޓޯކުރި 40 ވެހިކަލްގެ އިތުރުން ރޭ ޓޯކުރި 48 ވެހިކަލް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް މައިގަނޑު 6 ސަރަހައްދެއްގައި ޕާކްކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށެވެ. އެގޮތުން މާލެ ބޭރު މަގު، އަމީނީ މަގު އަދި މަޖީދީ މަގު ފަދަ ބަސް ދަތުރުކުރާ މަގުތައް ބަލަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ޓޯ ކުރި ވެހިކަލްތައް ގެންގޮސް ދަނޑުގައި ބަހައްޓާފައި

މީގެއިތުރުން ސްކޫލު އޭރިއާ، މިސްކިތްތައް އަދި ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދުތަަކުގެ އިތުރުން ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިނގަން ހާއްސަކޮށްފައިވާ ޕޭމެންޓުގައި 4 ފުރޮޅުލީ އުޅަނދު ޕާކުކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި ޕޭމެންޓުމަތީގައި ޕާކުނުކުރުމަށާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އެދިފައެވެ.