އެމްޑީޕީން ހުށަހެޅި އެންޓި-ޑިފެކްޝަން ބިލަށް ފާޑު ވިދާޅުވެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވަނީ އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވާފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ޝާހިދަށް ރައްދު ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީން ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ، 18 ވަނަ މަޖިލީހުން ހެދި އެންޓި-ޑިފެކްޝަން ގާނޫނު އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު އުވާލީ އަމިއްލަ މަންފާ އަށް ކަމަށެވެ.

އަމިއްލަ ބޭނުމަށްޓަކައި ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ޕާޓީ ވެރިކަމަށް އައިސްފައި ހެދި ގޮތަކީ ފުރަތަމަ ވެސް އެ ގާނޫނު އުވާލީ. އެ ގާނޫނު އުވާލަކަށް ނުޖެހޭ، އެ ގާނޫނު އުވާލާކަށް ނުޖެހޭ. އެ ގާނޫނަކީ ހަރުދަނާ ކުރަން ޖެހޭ ގާނޫނެއް،
ސަނީފް

އެންޓި-ޑިފެކްޝަން ބިލަކީ ވަކި ޕާޓީއަކުން އައްޔަން ކޮށްގެން ހޮވޭ ކެންޑިޑޭޓަކު ޕާޓީ ބަދަލުވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އާންމު ރައްޔިތުން ހިއްސާކުރަމުންދާތީ އެކަން ހުއްޓުވުމަށް ހުށަހަޅާފައިވާ ގާނޫނެއް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވަނީ ވިދާޅުވެފައެވެ.

މި ބިލަށް ބަހުސް ކުރައްވަމުން އެ ޕާޓީގެ މެމްބަރު ސަނީފް ވިދާޅުވީ މިއަދާ ހަމައަށް ޕާޓީގައި ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އޭނާއަށް ވަނީ ރިޝްވަތުގެ ތުހުމަތު ކޮށްފައި ކަމަށެވެ.

އެގޮތުން އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ރިޝްވަތު ނަންގަވައިގެން ވޯޓުގައި ބައިވެރިވެ ވަޑައިނުގަތީ ކަމަށް އެމްޑީޕީއިން ބުނެފައިވާކަން ފާހަގަކޮށް ސަނީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިން ދުވަހު ރިޝްވަތު ނެގި މީހުންގެ ވާހަކަ ނުދައްކާ، ޕާޓީގެ ލީޑާޝިޕުން އަޑީގައި އޮވެ އޭނާ ބަދުނާމު ކުރުން ކުށްވެރި ކުރައްވާކަމަށެވެ.

ސަނީފް ވަނީ މިފަދަ ވާހަކަތައް ފަތުރަނީ އެމްޑީޕީގެ ރައީސް ޝާހިދު ހިންގަވާ ނޫހަކުން ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. މިއާއެކު، މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވަނީ ބަހުސްގައި ވާހަކަދައްކަވާއިރު ޖަވާބުދާރީ ވެވެން ނެތް ބޭފުޅުންގެ ނަން ފާހަގަ ނުކުރުމަށް އެދިވަޑައިގެންފައެވެ.