ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް، އެ މަގާމުގައި މީގެ ކުރިން ހުންނެވި ޔަޒީދު މުހައްމަދު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ނުކުންނަވެމާ ގުޅިގެންނެވެ.

ރައީސް، މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އާންމުކޮށް ހުޅުވައިލުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޔަޒީދުގެ އިތުރުން ޒަރީރު އައްޔަނުކުރަން އެ ދެ ބޭފުޅުންގެ ނަން ހުށަހަޅުއްވާ ކަމަށެވެ. އެހެންކަމުން، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ.

ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރަން ފޮނުއްވި ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހޭނެ ކަމަށް ބުނެފައިވާއިރު ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.