ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވައިލުމަށާއި، ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ޖީއެސްޓީ ނަގަން ފަށާ އާމްދަނީގެ މިންވަރު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި އިސްލާހުތައް ކޮމިޓީން ފާސްކޮށްފައި މިވަނީ، ބޭރުގެ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ފެށިތާ މަސްދުވަސް ވެސް ނުވަނީހެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންތަކާ ގުޅިގެން، އެ ޓެކްސް ނެގުން ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މި ބިލު ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ މުހިންމު އިތުރު އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅުވައި، ޖީއެސްޓީ ދައްކަން ލާޒިމުވާ އަހަރީ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ހުށަހަޅުއްވާފައިވެއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މެންބަރު ނިޒާރު ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ފަރާތްތަކަށް ވިޔަފާރި ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ލުއިކޮށްދިނުމެވެ.

މީގެ އިތުރުން ކޮމިޓީން ފާސްކުރި މުހިއްމު ބަދަލުތަކުގެ ތެރޭގައި ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރެވޭނެ ހާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ޖުމުލަ އާމްދަނީ 750,000 ރުފިޔާއަށް ވުރެ މަދުވުން ނުވަތަ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ވެސް އެ އަދަދަށްވުރެ އާމްދަނީ ކުޑަވާނެ ކަމަށް ލަފާކުރެވުން ހިމެނެއެވެ.

މީގެ އިތުރުން ޓެކްސް ދެއްކުމުން ރެކުމަށް ހިންގާ ނުރަނގަޅު މުއާމަލާތްތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތައް ހިމަނާފައިވާއިރު، އެފަދަ ކަމެއް ކޮށްފިނަމަ އެ ވިޔަފާރިއަކުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގައި އެ މުއާމަލާތް ނުހިނގާ ކަމަށް ބެލުމުގެ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ.

އިގްތިސޯދީ ކޮމިޓީގެ އިއްތިފާގުން ފާސްކުރި މި ބިލު ދެން ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފާސްކުރުމަށެވެ.