މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުން ދައްކައިފިއެވެ. މިއީ މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 6.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސް އާމްދަނީއާއި، މުދަލާއި ބިންބިމުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ފާއިތުވި ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި ޖުމްލަ 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.97 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.1 ޕަސެންޓް (239.5 މިލިއަން ރުފިޔާ) ގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 4.4 ޕަސެންޓްގެ އިތުރުވުމެކެވެ.

މުޅި ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ 19.91 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.2 ޕަސެންޓް އިތުރުވެ، 21.73 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސްގެ ގޮތުގައި 5.55 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.87 ބިލިއަން ރުފިޔާ، އާންމު ޖީ.އެސް.ޓީގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ، އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.26 ބިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ 32.0 ޕަސެންޓް އިތުރުވެ، 1.68 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި ބިމުގެ މުއާމަލާތްތަކުން ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ. ހަމައެއާއެކު ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ 88.0 ޕަސެންޓް އިތުރުވެ، 471.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 17.5 ޕަސެންޓް އިތުރުވެ، 29.96 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދަށް 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ހަރަދަކީ 3.82 ބިލިއަން ރުފިޔާއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ހޭދައެއް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށެވެ. މުސާރައާއި އުޖޫރައަށް 4.75 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 12.7 ޕަސެންޓްގެ (533.0 މިލިއަން ރުފިޔާގެ) އިތުރުވުމެކެވެ. މީގެ އިތުރުން މުވައްޒަފުންގެ އިނާޔަތްތަކަށް 4.04 ބިލިއަން ރުފިޔާ އަދި ޕެންޝަން ފަދަ ކަންކަމަށް 1.56 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.

އެހީއާއި ސަބްސިޑީގެ ގޮތުގައި 8.54 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މީގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި 3.54 ބިލިއަން ރުފިޔާ އަދި ކައުންސިލްތަކަށް 1.67 ބިލިއަން ރުފިޔާ ދީފައިވެއެވެ. އަދި އާސަންދައަށް ކުރި ހޭދަ 10.7 ޕަސެންޓް އިތުރުވެ 1.45 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރަށްވުރެ 9.0 ޕަސެންޓް އިތުރުވެފައިވާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ 44.6 ޕަސެންޓް އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކެޕިޓަލް އިކުއިޕްމަންޓަށް 473.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 292.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އުމްރާނީ ތަރައްގީގެ އެހެނިހެން ވަސީލަތްތަކަށް 834.8 މިލިއަން ރުފިޔާ ހޭދަކުރެވި، 27 އޮގަސްޓްގެ ނިޔަލަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޖުމްލަ ހަރަދު ވަނީ 3.33 ބިލިއަން ރުފިޔާއަށް އަރާފައެވެ.