ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް ދޫކުރާ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

މި ބަދަލާއެކު ދެން ހަނޑުލާއި ފުށް ދޫކުރަމުން ދާނީ ރޭގަނޑު 9:00 އިން 12:00 އަށެވެ.

ސަރުކާރުން ރޯދަމަހަށް ހާއްސަ ކޮށްގެން ކޮންމެ ގޭބީސީ އަކަށް ދޫކުރަން ނިންމާފައިވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ދޫ ކުރަން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އާދިއްތަ ދުވަހުގެ މެންދު 12:00 އާ ހަމައަށް ޖުމްލަ 1،723 ބަސްތާގެ ހަނޑޫ އަދި ފުށް ވަނީ ދޫކޮށްފައެވެ.

މާލެ ސަރަހައްދުގައި ހަނޑުލާއި ފުށް ދޫކުރަމުންދާ ސަރަހައްދުތައް:

މާލެ

  • ގަލޮޅު ދަނޑު
  • އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)
  • ސޯޝަލް ސެންޓާ

ހުޅުމާލެ

  • އުމަރު ޒާހިރު ބިލްޑިން - ފޭސް 1
  • ވިނަރެސް ޓަވަރު 10 - ފޭސް 2

ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ވަނީ މިދިޔަ ބުދަ ދުވަހު ދޯނިތަކަށް ބަރުކުރަން ފަށާފައި ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މީގެއިތުރުން ހަދިޔާ (ހަނޑުލާއި ފުށް) ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަނޑޫ އަދި ފުށް ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.