އަންހެނުންނަށް ނުވާނެއޭ ބުނެ ކުރާ ފުރައްސާރަތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ކަނބަލުންތަކެއް ދިވެހީންގެ ތެރޭގައި ވެސް އުޅެއެވެ. އަދި އެފަދަ މީހުންނަކީ އަނެކާގެ އަތުގައި ހިފައިގެން ކުރިއަށް ދިއުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށްވާއިރު މިއަދު ދަ ޕްރެސްއިން ގެނެސްދޭ 'މީހުން' ސެގްމެންޓުގައި ވެސް މިގެނެސްދެނީ އެފަދަ ހީވާގި އަންހެނެއްގެ ވާހަކައެވެ.

އެއީ އިންޓާނަލް އޮޑިޓްގެ ދާއިރާއިން ފާހަގަކޮށްލެވޭ އާމިނަތު ރީމާ ރަޝީދު އެވެ. އިންޓާނަލް އޮޑިޓަރެއްގެ އިތުރުން ވެސް ރީމާ ދަނީ އެތައް ބަޔަކަށް އެހީތެރިވުމަށް އެހެނިހެން ދާއިރާތަކުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި މައިންޑްޝިފްޓް ކޯޗުކަމާއި ކީނޯޓް ސްޕީކާއެއްގެ އިތުރުން އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތައް ދިނުމުގައި ވެސް ރީމާއަކީ ފާހަގަކޮށްލެވޭ ކަނބަލެކެވެ.

އެންމެ ކުޑައިރުން ފެށިގެންވެސް ގޭތެރޭގައި ބައްޕަ މުހާތަބު ކުރާނީ އެކައުންޓެންޓުގެ ނަމުންކަން ފާހަގަކޮށް ރީމާ ބުނީ އޭރު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް އެ ބަސް [އެކައުންޓެންޓް] އަޑުއިވުމުގެ ސަބަބުން އެކަމަށް ހިތްޖެހުނު ކަމަށް ވެއެވެ. "ކުޑައިރުވެސް އަހާނެ ބޮޑުވެގެން ކޮން މަސައްކަތެއްހޭ ކުރާނީ. އޭރުވެސް ބުނާނެ އެކައުންޓެންޓަކަަށޭ ވާނީ" ކުޑައިރުގެ ފޮނި ހަނދާންތައް އާ ކުރަމުން ރީމާ ބުންޏެވެ.

އެއާ ހިލާފަށް އޮޑިޓް ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އޯލެވެލް ނިންމުމަށްފަހު ސިންގަޕޫރަށް ކިޔަވަން ގޮސް އުޅުމުގެ ތެރޭގައި ހެދި ފުރަތަމަ އޮޑިޓް މޮޑިއުލުން ކަމަށް ވެއެވެ. އެ ދުވަސްވަރު ރާއްޖޭގައި އޮޑިޓް ނިޒާމު އެހާ އާންމު ނުވި ނަމަވެސް ރީމާ އެކަން ހިޔާރުކުރި ސަބަބަކީ އޮޑިޓްގެ ދާއިރާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ކިޔަވާ ނިންމުމަށްފަހު އެނބުރި ރާއްޖެ އައުމަށްފަހު ފުރަތަމަ ވެސް ވަޒީފާ އަދާ ކުރީ އޮޑިޓްގެ ދާއިރާއިންކަން ފާހަގަކޮށް ރީމާ ބުނީ މިހާރު ހުރި ހިސާބަށް ވާސިލްވެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

ސަރުކާރުގެ އިސް ވެރިންނާއެކު ރީމާ ހަފްލާއެއްގައި ބައިވެރިވަނީ

އޮޑިޓް ދާއިރާގައި ރީމާ އެންމެ ފުރަތަމަ އަދި އެންމެ ގިނަދުވަހު މަސައްކަތް ކުރީ ޕްރައިވެޓް ސެކްޓާގައެވެ. އެއަށްފަހު ރައީސް އޮފީހުގައި މަސައްކަތް ކުރުމަށްފަހު އަމިއްލަ ފާމެއް ހަދައިގެން އެޑްވައިޒަރީ އަދި ކޮންސަލްޓަންސީ މަސައްކަތް ކުރަމުންދާ ރީމާ ބުނީ މި ދާއިރާގައި ކުރިއަށް ދިއުމަށް ތަފާތު އެކި ގޮންޖެހުންތައް ދިމާވި ކަމަށެވެ. އަދި އެއީ ހޮސްޕިޓާލިޓީގެ ދާއިރާއަށް ހާއްސަ ފާމެއް ކަމުން އެފަދަ ދާއިރާއަށް ވަނުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވިއިރު ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރުމަށް ވެސް ދަތިތައް ދިމާވި ކަމަށް ވެއެވެ. ހަމައެއާއެކު އޮޑީޓިން ދާއިރާގައި ފުރަތަމަ މަސައްކަތް ކުރި އިރު އަންހެނަކަށް ވީތީ ލިބޭ ފުރުސަތުތައް މަދުވެގެން ދިއުމަކީ ވެސް ދިމާވި ގޮންޖެހުމެއްގެ ގޮތުގައި ރީމާ ފާހަގަކުރިއެވެ. މީގެ އިތުރުން ކޯޗިން ދާއިރާއަކީވެސް ރާއްޖޭގައި އެހާ މަގުބޫލު ދާއިރާއަކަށް ނުވުމުގެ ސަބަބުން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށް ރީމާ ބުންޏެވެ.

ދިރިއުޅުމުގައި ކޮންމެ ފިޔަވަޅެއް ނެގިޔަސް އެންމެ ކައިރީގައި ހުންނަ އެކަކީ މަންމަކަން ފާހަގަކޮށް ރީމާ ވަނީ މަންމައަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. ރީމާގެ ކެރިއަރު ފަށައިގެން އައިއިރު ތުއްތުކުއްޖަކު ހުރުމުން އެތައް ހުރަސްތަކެއް ހުރި ނަމަވެސް މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ދީގެން ކުރިއަށް ދިއުމަށް ރީމާއަށް އެންމެ ބޮޑު ހިތްވަރަކާއި އެއްބާރުލުމެއް ލިބުނީ އޭނާގެ ގާތުގައި މަންމަ ހުރުމުން ކަމަށް ބުނެއެވެ. މަސައްކަތުގެ ދާއިރާގައި މިއަދު ރީމާ ހުރި ހިސާބަށް އާދެވުމުގައި މަންމަގެ ދައުރު ވަރަށް ބޮޑު ކަން އޭނާ ފާހަގަކުރިއެވެ. ހަމައެއާއެކު މަސައްކަތުގެ މާހައުލުން ދިމާވި އެކި ފަރާތްތަކުގެ އިތުރުން ރައްޓެހިންގެ ފަރާތުން ވެސް އެއްބާރުލުން ލިބުނު ކަމަށް ރީމާ ބުންޏެވެ. އަދި އޭނާގެ މަސައްކަތްތައް ބަލައިގަންނަ އަދި ސްޕީޗްތައް އަޑުއަހާ، ފޮލޯކުރާ ފަރާތްތަކަށް ވެސް ހާއްސަ ޝުކުރެއް ވަނީ ރައްދުކޮށްފައެވެ.

މަންމަ އަދި ދަރިފުޅާއެކު، ރީމާ ފާހަގަކުރި ގޮތުގައި މަންމައާ ނުލާ މިހާރު ހުރި ހިސާބަށް ވާސިލްވުމަކީ ނާދިރު ކަމެއް

ހިލޭ ސާބަހަށް މަސައްކަތް ކުރުމާއި ކޯޗިންގެ ދާއިރާއަށް ރީމާ ވަދެވުނީ 2019 ވަނަ އަހަރު ކަމަށާއި އެކަމުގައި ދެމިހުރުމުގެ މައިގަނޑު ސަބަބަކީ ގިނަ ބަޔަކަށް އެހީވުމުގެ ފުރުސަތު ލިބުމުން ކަމަށް ވެއެވެ. އެއަށްފަހު އަމިއްލަ އެންޖީއޯއެއް އުފައްދާ މާލެއާއި އަތޮޅުތަކުގެ ތެރޭގައި ވެސް މިއަދާ ހަމައަށް އައި އިރު ގިނަ ސެޝަންތަކެއް ރީމާ ވަނީ ނަގައި ދީފައެވެ. އީއެމްސީގެ ކޯ ފައުންޑާއެއްގެ ގޮތުގައި ހުންނަ ދެވަނަ ބައިވެރިއާ ކަމަށްވާ ސަމާއަށް އަދި ދަ ކޯޗިން ކޯ ކުންފުނީގައި ރީމާއާއެކު ކޯ ފައުންޑާ އެއްގެ ގޮތުގައި ހުރި މާދިހުއަށް ވެސް ރީމާ ވަނީ ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. އަދި މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަންގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީވެސް ވަރަށް ގާތް ބައެއްކަން އަދި ކުރިމަގަށް އަބަދުވެސް ވަރަށް އެހީތެރިވާ ބައެއްކަން ފާހަގަކޮށް އެ ފަރާތްތައް ވެސް ރީމާގެ ޝުކުރުގެ ލިސްޓުގައި ހިމަނާފައި ވެއެވެ.

މި ދާއިރާތަކުން އެންމެ ދެކެން ބޭނުންވާ ދުވަހެއްގެ ގޮތުގައި ރީމާ ފާހަގަކުރީ އަމިއްލަ ފާމް ކަމަށްވާ ކޮއުންސިއޯ އަކީ ރާއްޖޭގައި ނަން މަޝްހޫރު އަދި ފާހަގަކޮށްލެވޭ އެޑްވައިޒަރީ ފާމެއްގެ ގޮތުގައި ވެގެން ދިއުމެވެ. އަދި މައިންޑްޝިފްޓް ކޯޗެއްގެ ގޮތުގައި އެންމެ ދެކެން ބޭނުންވަނީ ރީމާގެ ސަބަބުން އެހެން މީހުންގެ ހުރަސްތަކުން އަރައިގަނެ އެމީހުންނަކީ ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ވެގެން ދިއުމެވެ. ސްޕީކާއެއްގެ ގޮތުން އެންމެ ދެކެން ބޭނުންވަނީ ރާއްޖެއިން ބޭރު ތަނެއްގައި ކީނޯޓް ސްޕީޗެއް ދިނުމުގެ ހުވަފެން ހަގީގަތަކަށް ވެގެން ދިއުން ކަމަށް ރީމާ ކިޔާދިނެވެ.

ރީމާ، އިންޓާނަލް އޮޑިޓް 360 ޑިގްރީ ސަމިޓް 2025ގައި

ވަޒީފާގައި އުޅޭއިރު އެހެން މީހުން ބަލައިގަންނަ ފަދަ މީހަކަށް ވުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެއް ކަން ފާހަގަކޮށް ރީމާ ބުނީ އޮޑިޓް ދާއިރާއިން އެންމެ ހަނދާނުން ފޮހެލަން ދަތި އެއް ދުވަހަކީ އެފަދަ ދުވަހެއް ކަމަށެވެ.

"ރާއްޖޭގަ ވަރަށް ފާހަގަކޮށްލެވޭ އޮޑިޓާއެއް ހަސަން އެއީ. ފުރަތަމަ ކޯލެއް ލިބުނީ، އޮޑިޓް ފީލްޑްގަ މަސައްކަތް ކުރާ އެހެންފަރާތެއްގެ. . ގުޅާފައި ބުނީ ރީމާއޭ ތިމަންނަމެންގެ ކުންފުނީގެ އިންޓާނަލް އޮޑިޓެއް ކޮށްދީބަލާށޭ. ތިމަންނަ ހަސަންއާ ވާހަކަ ދެއްކީމަ ހަސަން ބުންޏޭ ހަސަންއަށްވެސް ކުރެވިދާނޭ އެކަމު ރާއްޖޭގައި އެންމެ ރަނގަޅު ވާނީ އިންޓާނަލް އޮޑިޓެއް ކުރަން ބޭނުންވާނަމަ ރީމާއަށް ގުޅީމައޭ"
ހަނދާނުން ފޮހެލަން ދަތު ދުވަހެއްގެ ގޮތުގައި ރީމާ ހިއްސާ ކުރިއެވެ.

އެފަދަ ދެވަނަ ދުވަހެއްގެ ގޮތުގައި ރީމާ ފާހަގަކޮށްފައި ވަނީ، އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ހިތްވަރުދިނުމަށާއި ފިލާވަޅު ލިބިގަތުމަށް ކޮންމެ ދުވަހަކު ހިއްސާ ކުރާ ޕޯސްޓުން ޕޯސްޓަކަށް ރަހްމަތްތެރިއަކު ތައުރީފްކުރި ދުވަހެވެ. އެ ދުވަހު އޭނާގެ ރަހްމަތްތެރިއަކު މެސެޖް ކޮށް ބައްދަލުކޮށްލަން އެދުނު އިރު އޭނާއާ ބައްދަލުނުވާތާ އަހަރުތަކެއް ހޭދަވެފައި ވުމުން ރީމާ އެ ރަހްމަތްތެރިޔާއާ ބައްދަލުކުރިއެވެ. އެ ބައްދަލުވުމުގައި ރީމާގެ ޕޯސްޓް ފެނި އޭނާގެ ހިތްދަތި ދިރިއުޅުމާއި ބަނަވެފައިވާ ހަޔާތަށް ދިރުމަކާއި ހިތްވަރެއް ލިބިގެން ދިޔަ ވާހަކަ ބުނުމުން ރީމާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމަށް ބުނެއެވެ. ޕޯސްޓެއް ޖެހުން ފަދަ ކުރެވޭ ކުޑަކުޑަ ކަމެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭ ކަން ރީމާ އެނގިގެން ދިއުމުން އެއީ ހަނދާނުގައި އަބަދުވެސް ބިންވަޅު ނެގިފައި ހުންނާނެ ވަގުތެއް ކަމަށް ރީމާ ބުނެއެވެ.

އޮޑިޓް ކުރުމާއި މައިންޑްޝިފްޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން ރީމާ އަކީ އަންހެނުން ބާރުވެރި ކުރުވައި އަންހެނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ހީވާގި ފަރާތެކެވެ. އަންހެނުން ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ރަނގަޅު މަސައްކަތަކެއް ނަމަވެސް ރީމާ ގަބޫލު ކުރާ ގޮތުގައި ކޮންމެ އަންހެނަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކޮންމެ މީހަކުވެސް އެކަމަށް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ އަންހެނުން ވެސް ރަނގަޅު ތަޖުރިބާ ކުރުމުގެ ފުރުސަތު މި މުޖްތަމައުގައި ފަހިވާނެ ކަމަށް ރީމާ ގަބޫލު ކުރެއެވެ.

ރެހެންދި އެވޯޑު ހަފްލާގައި

މައިންޑްޝިފްޓް ކޯޗެއްގެ ގޮތުގައި ރީމާ ކިޔުންތެރިންނަށް ދިން އިރުޝާދަކީ ދާން ބޭނުންވާ މަންޒިލެއް އަބަދުވެސް ހިޔާރުކޮށްފައިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ކަމެއް ނޭނގި ކުރިއަށް ދިއުމަކީ މިސްރާބެއްނެތި ކުރިއަށް ދިއުން ކަހަލަ ކަމެކެވެ. ބއަދި ހަމަ އެހެންމެ ދިރިއުޅުމުގައި އެކި ގޮންޖެހުންތައް ދިމާވާނެ ކަން ސިކުނޑީގައި ބަހައްޓަން ޖެހޭނެ ކަމަށާއި އެ ގޮންޖެހުންތަކުން ފިލާވަޅެއް ލިބިގަނެ އެހެން މީހުންގެ އެހީތެރިކަމާއެކު ކުރިއަށްދާން މަސައްކަތް ކުރުމުން ދިރިއުޅުމުގައި ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ތަކްލީފްތަކުން ތިމާއަށް ބޮޑު އަސަރެއް ކުރުމުގެ ކުރިން އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ވެސް ރީމާ ވަނީ އިރުޝާދު ދީފައެވެ. ކުރިއަށް ދާނެ މަގު ކޮށަން ނޭނގޭ ނަމަ އެކަމުގައި އެހީތެރިކަން ހޯދުމަށާއި އެފަދަ އެހީތެރިކަން ވެދޭނެ އެތައް ކޯޗުންނާއި ލަފާ ދެވޭނެ ފަދަ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ކުރިއަށް ދާން މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރި ވިއެވެ. ދުނިޔެ އަކީ ހުއްޓިފައި އޮތް ތަނެއް ނޫން ކަމަށާއި ދިރިއުޅުމުގައި ދިމާވާ ކަމަކުން ތާށިވެ ކުރިއަށް ނުދެވި ހުރުމަކީ ހައްލެއް ނޫން ކަމަށް ހަނދާނުގައި ބެހެއްޓުމަށް ރީމާ ނަސޭހަތްތެރިވިއެވެ.