ޓްރެސްލޭޝަސް ކޭކް ނުވަތަ މިލްކް ކޭކަކީ ދިވެހީންގެ ތެރޭގައި އާ ބަވަތަކަށް ނުވާނެއެވެ. މިއީ އެއް ދުވަސްވަރެއްގައި ވައިގެ ހިފާލި ޓްރެންޑަކަށްވާއިރު ތަފާތު ފްލެވާ ތަކުގެ މިލްކް ކޭކު ތައްޔާރުކުރެއެވެ.

މިއަދު ދަ ޕްރެސް 'ބަދިގެ' ސެގްމެންޓުގައި މި ގެނެސްދެނީ ވަރަށް މީރުކޮށް "ޕިސްޓާޝިއޯ މިލްކް ކޭކް" ތައްޔާރު ކުރާނެ ގޮތުގެ ތަފްސީލެވެ.

ބޭނުންވާ ތަކެތި:

  • 3 ބިސް

  • ¼ ޖޯޑު ތެޔޮ

  • ¼ ޖޯޑު ހަކުރު

  • ½ ޖޯޑު ފުށް

  • 1 ސައި ސަމުސާ ބޭކިން ޕައުޑާ

  • ¼ ސައި ސަމުސާ ލޮނު

  • 1 ދަޅު ގެރިކިރު

  • ¼ ޖޯޑު ދިޔާ ކިރު

  • 1 ސައި ސަމުސާ ވެނީލާ އެސެންސް

  • 125 ގ. ޕިސްޓާޝިއޯ ނަޓްސް

  • 50 ގ. ބަޓަރު (ދިޔާކޮށްފައި)

  • 1 ދަޅު އެވަޕަރޭޓެޑް މިލްކު

  • ¼ ޖޯޑު ކޯން ފްލާ

ތައްޔާރުކުރާނެ ގޮތް:

ތަވައެއްގައި ފިސްޓާޝިއޯ ނަޓްސްކޮޅު ފިހެލާށެވެ. އެއަށްފަހު ބަދަންކޮޅު މިކްސަރަކަށް އަޅައި ފުޑުކޮށްލާށެވެ. ފުޑުކުރި ބަދަންތަކުގެ 3 މޭޒުމަތީ ސަމްސާ ވަކިން ނެގުމަށް ފަހު އެއް ފަރާތެއްގައި ބަހައްޓާށެވެ.

ބިހުގެ ގޮބޮޅި އާއި ހުދުބައި ވަކިކޮށްލާށެވެ. މީގެ ހުދު ބައި ތަށްޓަކަށް އެޅުމަށް ފަހު، ކުޑަ ލޮނުކޮޅެއް އަޅައި ވިޕްކޮށްލާށެވެ. އިތުރު ތައްޓެއްގައި ބިހުގެ ގޮބޮޅި، ބަޓަރު، ތެޔޮ، އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް ވެނީލާ އެސެންސްކޮޅު އަޅައި އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާށެވެ. މީގެ ތެރެއަށް ފުށް، ކޯންފްލާ، ބޭކިން ޕައުޑާ އަދި ކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް ކުރިން ފުޑުކުރި ބަދަކޮޅު އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ. (މިއީ ވަކިން ނަގައިފައި ބެހެއްޓި ބަދަންކޮޅެއް ނޫނެވެ)

ޕިސްޓާޝިއޯ މިލްކް ކޭކް ތައްޔާރުކުރުމުގެ ތެެރެއިން

އަވަން 180 ޑިގްރީ ސެލްސިއަށް ހޫނުކުރަން ޖައްސާށެވެ. އަދި ޓްރޭއެއްގައި ބަޓަރު ހޭކުމަށް ފަހު މި މިކްސް އަޅައި 30 ނުވަތަ 40 މިނެޓް ވަންދެން އަވަންގައި ފިހެލާށެވެ. ކޭކު ފިހެވުނުތޯ ބަލަން ކޭކުގެ މެދަށް ޓޫތްޕިކެއް ހަރާލުމަށް ފަހު، އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ. ކޭކަށް އަޅާ ކިރުކޮޅު ތައްޔާރުކުރުމަށް، ތަށްޓެއްގައި އެވަޕަރޭޓެޑް މިލްކު، ގެރިކިރު ދިޔާ ކިރު އަދި ކުރިން ވަކިކޮށްފައި ބެހެއްޓި ތިން ސަމްސާ ބަދަންކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އަވަންގައި ފިހުނު ކޭކު ހިހޫވުމުން، އުލެއް ބޭނުންކޮށްގެން މުޅި ކޭކުގައި ލޯވަޅު އަޅާލާށެވެ. އަދި ދެންމެ ތައްޔާރުކުރި ކިރުކޮޅު ކޭކުގެ މައްޗަށް އޮއްސާލާށެވެ. ފިނިކުރުމަށް ފުރިޖުގައި ދެ ގަޑިއިރު ކޭކު ބަހައްޓާލަންވާނެއެވެ.