ޒުވާނުންނަކީ މުޖްތަމައުގައި އިސް ރޯލެއް އަދާ ކުރާ ބަޔަކަށްވާއިރު އެ ބައެއްގެ ފަރާތުން އެންމެންވެސް ފޮނި އުންމީދުތަކެއް ދެކެއެވެ. ނަމަވެސް މަދު ޒުވާނުންގެ ފަރާތުން ނޭދެވޭ ކަންކަން ފެނުނު ނަމަވެސް ގިނަ ޒުވާނުންނަކީ މަސައްކަތްތެރި، ހިދުމަތްތެރި އަދި ފާހަގަކޮށްލެވޭ ބައެކެވެ.
އެގޮތުން މިއަދުގެ ލިޔުމުގައި ވެސް މި ގެނެސްދެނީ އެފަދަ ޒުވާން ހިދުމަތްތެރިޔެއް ކަމަށްވާ އަބްދުﷲ އަލްޔާންގެ ވާހަކައަށެވެ. އެމްޕީއެލްގައި ވަޒީފާ އަދާ ކުރަމުން ހިލޭ ސާބަހަށް ރެޑްކްރެސެންޓުގައި އަލްޔަން މަސައްކަތް ކުރަނީ އެކަމަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. އުމުރުން 16 އަހަރުން ފެށިގެން މި ހިދުމަތުގައި އޭނާ މަސައްކަތްކޮށްދެނީ އެހެން ބަޔަކަށް އެހީތެރިވުމުގެ ނިޔަތުގައެވެ.
އެހާ ޅައުމުރުގައި އަލްޔާން މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ 2016 ވަނަ އަހަރު h1n1 އިންފްލުއެންޒާ ބަލީގައި އާންމުނަށް އެހީތެރިވާން ނިކުތް ދުވަސްވަރު ލިބުނު ތަޖުރިބާތަކަށް ފަހުއެވެ. ރެޑް ކްރެސެންޓާ ގުޅުނު ފުރަތަމަ ދުވަސްވަރު އާންމުންނަށް އެހީވުމަށް ހުރިހާ މަސައްކަތްތަކެއް ކޮށްދިންނަމަވެސް އަލްޔާން މިހާރު މަސައްކަތް ކުރަނީ ރެޑް ކްރެސެންޓްގެ މެންބަރުންނަށް ފަސްޓް އެއިޑް ޓްރެއިނިންގް ދިނުމުގައި ކަމަށް އޭނާ ކިޔާދިނެވެ. އަދި ކުއްލި ހާލަތެއް އިއުލާންކޮށްފި ނަމަ އެފަދަ މަސައްކަތްތައް ކުރުމުގައި ވެސް އަލްޔާންގެ ހިއްސާ އަދިވެސް އޮވެއެވެ.
މިފަދަ ދާއިރާއެއްގައި މަސައްކަތް ކުރުމަކީ ވަރަށް ތަފާތު ތަޖުރިބާތަކެއް ދަސްވެގެންދާ ކަމެއްކަން ފާހަގަކޮށް އަލްޔާން ބުނީ، ދިރިއުޅުމުގައި ކުރިއަށްދާނެ ގޮތްތައް ދަސްވެ އަމިއްލަ ދިރިއުޅުމަށްވެސް ފައިދާ ކުރާ ކަމަށެވެ. މުޅި އާއިލާގައި ވެސް އިޖުތިމާއީ ހިދުމަތްތެރިން ގިނަ ކަމަށާއި މިފަދަ މަސައްކަތެއްގައި އުޅުމުގެ އަސްލަކީ އެކަމުން ލިބޭ ހިތްހަމަޖެހުން ކަމަށް ވެއެވެ.
ވޮލެންޓިއާ މަސައްކަތަކީ އެމީހެއްގެ ހުސްވަގުތުތަކުގައި ކުރަން އޮންނަ މަސައްކަތެއް ނަމަވެސް މި ކަމަށް ޝައުގުވެރިކަން ހުންނަ ނަމަ އަމިއްލައަށް ވަގުތު ހުސްކޮށްގެންވެސް މަސައްކަތުގެ މާހައުލުގައި އުޅުމުގެ ހިތްވަރު ލިބޭ ކަމަށް އަލްޔާން ބުންޏެވެ. އެހެންކަމުން ވަޒީފާ އަދާކުރުމަށްފަހު ލިބޭ ހުސްވަގުތު ތަކުގައި މިފަދަ ފައިދާ ކުރަނިވި ކަމެއް މުޖްތަމައުއަށް ކޮށްދިނުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.
މިދާއިރާގައި މަސައްކަތްކޮށްގެންވެސް ކުރިއެރުން ހޯދޭނެ ކަމަށް އަލްޔާން ގަބޫލުކުރެއެވެ. އެގޮތުން އޭނާ ހޯދާފައިވާ ބައެއް ކުރިއެރުންތަކުގެ ތެރޭގައި ނޭޝަނަލް ޔޫތް ކައުންސިލްގެ ޗެއާޕާސަންގެ އިތުރުން އިންސްޓަރްކްޓާ ޓްރެއިނާއަކަށް ވުން އަލްޔާން ފާހަގަކުރިއެވެ.
މިފަދަ އެންޖީއޯއެއްގައި މަސައްކަތް ކުރުމުގެ އިތުރުން ވެސް ކޮންމެ މީހަކަށްވެސް ފަސްޓްއެއިޑް އެނގިފައިވުމަކީ އޭނާ ގަބޫލު ކުރާ ގޮތުގައި ވަރަށް މުހިންމު ކަމެކެވެ. އެއީ އާއިލާ ނުވަތަ ރައްޓިއްސަކަށްވެސް ފަސްޓްއެއިޑްގެ ބޭނުން ޖެހޭ ކުއްލި ހާލަތެއްގައި ހޮސްޕިޓަލަކާ ހަމައަށް ގެންދެވުމުގެ ކުރިން ފަރުވާ ދެވިއްޖެނަމަ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު އޮންނާތީއެވެ.
ކުއްލި ހާދިސާތައް ދިމާވެގެން ސީންތަކަށް އެޓެންޑުވާއިރު އަލްޔާން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ އަމިއްލަ ނަފްސު އެކަމަކަށް ތައްޔާރު ކުރުމެވެ. އަދި އެތަނަށް ދެވޭއިރު ކޮންމެ ފަދަ ހާލަތެއް އޮވެދާނެ ކަމަށް އަމިއްލަ ސިކުނޑިއަށް ވިސްނައިދީ އަމިއްލަ މީހާ ހާސްނުވުމަށް އަބަދުވެސް އަލްޔާން އިސްކަންދެއެވެ. މިފަދައިން އަމަލުކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ޓީމްގެ އެހެން މެންބަރުންވެސް ހާސްވެ ނުދިނުމަށްޓަކައެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެނީ އެ ހާލަތުގައި ވެސް ގިނަ ބަޔަކަށް އެހީތެރި ވުމަށް ކަމަށް އޭނާ ކިޔާދިނެވެ.
މި ދާއިރާގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކީވެސް ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ނަމަވެސް އަލްޔާން ފާހަގަކުރި ގޮތުގައި ހެންވޭރު އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއަކީ އެފަދަ ހަނދާނުން ފޮހަލަން ދަތި ދުވަހެއް ކަމަށްވެއެވެ އެ ދުވަސްވަރަކީ އެމެޖެންސީ ރެސްޕޮންސްގެ ޓްރެއިނިންގްއަށްފަހު މަސައްކަތުގެ މައިދާނަށް ނިކުތްތާ ފުރަތަމަ ދުވަސްކޮޅުކަން ފާހަގަކޮށް، އަލްޔާން ބުނީ އޭރު މަސައްކަތް ކުރަމުންދިޔައީ ލިމިޓެޑް ޓީމަކާ އެކު ކަމަށެވެ.
މި ދާއިރާއިން ކުރިއަށް ދެވޭނެ އެންމެ އުހަކަށް ދާން އަތުކުރި އޮޅާލައިގެން ހުރި އަލްޔާން، މި ދާއިރާގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކައިރީގައި އުޅޭ އެކުވެރިންނާއި އާއިލާގެ އިތުރު މެންބަރުން ވެސް އޭނާގެ ކިބައިން ހިތްވަރު ލިބި މި ދާއިރާއަށް ނުކުންނަ ދުވަހެއް ކަމަށްވެއެވެ.
މިފަދަ މަސައްކަތެއް ކުރުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް އަލްޔާން ވަނީ ރެޑް ކްރެސެންޓުގެ ހުރިހާ މެންބަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި އާއިލާގެ ފުރިހަމަ އެއްބާރުލުމުގެ އިތުރުން ވަޒީފާ އަދާ ކުރާ މާހައުލުގައި ހަރަކާތްތެރިވާ ހުރިހާ އެންމެންނަށް ވެސް އަލްޔާން ވަނީ ޝުކުރު އަދާކޮށްފައެވެ.
