މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ގޯސް ހާލަތަކަށް ގޮސްފައިވަނީ އެއްދުވަހުން ދެދުވަހުން ނޫން ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރުމުގެ ސަބަބުން މިއަދު ކުރަންޖެހިފައިވާ މަސައްކަތަކީ އެއް ދުވަހުން ދެދުވަހުން ވާނޭ ކަންކަން ނޫންކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ރައްކާ ކެމްޕެއިންގެ “ފަހިރާސްތާ" ޕްރޮގްރާމް ފަށުމަށް މި މަހުގެ މި މަހުގެ 10 ވަނަ ދުވަހު ސޯޝަލް ސެންޓަރު ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރު ވިދާޅުވީ މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ގޯސް ހާލަތަކަށް ގޮސްފައިވަނީ އެއްދުވަހުން ދެދުވަހުން ނޫން ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރުމުގެ ސަބަބުން މިއަދު ކުރަންޖެހިފައިވާ މަސައްކަތަކީ އަދި ކުރަމުންދާ މަސައްކަތާ ފުލުހުންނާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކުލަވާލި ބޮޑު ޕްރޮގްރާމަކީ އެއްދުވަހުން ދެދުވަހުން ވާނޭ ކަންކަން ނޫންކަމަށެވެ.
މަގުމަތީގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކޮންޕްރިހެންސިވް ޕްލޭނެއް ކުރިއަށް ގެންދާނެކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ޕްލޭނުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި މާލޭގެ ކޮންޖެކްޝަންސްތަކަށް ހައްލެއް ލިބިގެން ދާނެކަމަށެވެ. އަދި މާލޭގެ ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދޭނެކަން ފާހަގަކުރައްވަމުން އަމީން ވަނީ ގަވާއިދާ އުސޫލުތަކުގެ ތެރެއިން ހުރިހާ ފަރާތްތަކުން އުޅުމަށް އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މުޅި އަހަރަށް ތާވަލު ކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ތެރެއިން ރަމަޟާން މަހަށް ހާއްސަކޮށްގެން މިފެށޭ ފަހިރާސްތާ ޕްރޮގްރާމުގައި، މިއަދުގެ ޓްރެފިކް ހާލަތު ތަސައްވަރު ކޮށްލުން ރަނގަޅު ކަމަށެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ވެހިކަލް ތޮއްޖެހިފައިވާ، ތޮއްޖެހުން މާލޭގެ ޕާކިންއަށް ސަރުކާރުން ދެއްވި ލުއިތަކާއި ޕާކްކުރުމުގެ އާންމު އުސޫލުތަކާއި އަހުލާގީ އަދި ފަރުދީ ޒިންމާއަށް ބަލާލުމެއްނެތި މިސްކިތްތަކާއި ސްކޫލުތަކާއި ވަދެނުކުތުމަށް ދަތިވާގޮތަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ރޭންޕުތައް މަތީގައި ޕާކްކުރަމުން ގެންދާކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވުމާ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މަދުބައެއްގެ ސަބަބުން މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މިފަދަ އެތައް ކަމެއްގެ ތެރެއިން މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މިއަދު ކުރެވެމުންދާ ކަމަށާއި މި މަސައްކަތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްނެގުމާއެކު ދިވެހި ފުލުހުންގެ ހިދުމަތާ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ ގުޅިގެން، މާލޭގެ މަގުތަކަށް އުކާލާފައިވާ ވެހިކަލްތަކުގެ ބައިތައް ނަގައި ޕާކްކުރުމަށް އިތުރު ޖާގަ ތަނަވަސްކޮށްދިނުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށް ކޮމިޝަނަރު ވިދާޅުވީ ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުއެކީގައި ކުރެވެމުންދާކަމަށެވެ. އަދި މާލޭގެ މަގުތަކަކީ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ ތަނަކަށް ހެދުމަށްޓަކައި، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅަމުން ގެންދާކަމަށް ވިދާޅުވިއެވެ.
މި ރަމަޟާން މަހަށް ހާއްސަކޮށްގެން، މިސްކިތްތަކަށް ވަދެނުކުމެވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައި ހުންނަ ރޭންޕުތަކަށް ދަތިވާ ގޮތަށް ހުންނަ އުޅަދުތަކަށް ޓޯކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ބާޒާރު މަތީގެ ޓްރެފިކް ފްލޯ ތަރުތީބުކޮށް ފަސޭހަކުރުމުގެ މަސައްކަތްތައް މިހާރުވެސް ހިނގަމުން ދާކަމަށާ ގޮންޖެހުން ބޮޑު ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންނާ ވަރަށްގާތުން މަސައްކަތްކުރަމުންދާ ކަމަށާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށާ ކަންކަން ކުރަންވީ ރަނގަޅުގޮތް އަންގައިދީ ވިސްނައިދީ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް ވަރަށް ރޭވުންތެރިކަމާއެކު އެކި މަރުހަލާތަކަށް ބަހާލެވިގެން ކުރިއަށް ދާނެގޮތަށް ތަރުތީބު ކުރެވިގެން މަސައްކަތްކުރަމުންދާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ފަހިރާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ދަ ހޯކްސް ގުޅިގެންނެވެ.