ވޯނާ ބްރަދާސްގެ "ބާބީ" ލައިވް އެކްޝަން ފިލްމަށް ލިބުނު ބޮޑު ތަރުހީބާއެކު މި ފިލްމުގެ ސީކުއަލެއް ހަދަން އުޅޭކަމަށް ދެކެވޭ ވާހަކަ ގަދަވެއްޖެއެވެ.

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 96 ވަނަ އެކަޑަމީ އެވޯޑުގެ އަށް ނޮމިނީޝަން އަށް ބާބީ ފިލްމު ވާދަކުރާއިރު ވާނާ ބްރަދާސްގެ އިސްވެރިޔަކު ބީބީސީ އަށް މައުލޫމާތު ދެމުން ބުނީ މި ފިލްމުގެ ސީކުއަލެއް އުފައްދަން ބޭނުންވާ ކަމަށެވެ. އެ ކުންފުނީގެ ސީއީއޯ ޕޭމް ވިދާޅުވީ ބާބީ މި ފިލްމުގެ ސީކުއަލެއް ގެނައުމުގެ ވާހަކަ އަބަދުވެސް ދެކެވޭ ކަމަށާއި ފިލްމު ކުރިއަށް ގޮތްދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މި ފިލްމު ރިލީޒްކުރިތާ ތިން ދުވަސްވީއިރު މި ފިލްމަށް 155 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބުނެވެ. މިއާއެކު މި ފިލްމު ތާރީހުގެ ތެރެއަށް ވަނެވެ. އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި 182 މިލިއަން ޑޮލަރު ލިބި، މި ފިލްމަށް ޖުމްލަކޮށް ތިން ދުވަހުން 337 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. އެއާއެކު މި ފިލްމު އުފައްދަން ކުރި ހޭދަ އެއްކޮށް ކަވަރ ވީއެވެ. ފިލްމުގެ ބަޖެޓަކީ 145 މިލިއަން ޑޮލަރެވެ.

މި ފިލްމުގައި ބާބީގެ ރޯލުން ފެނިގެން ދަނީ މަޝްހޫރު ބަތަލާ މާގޯ ރޯބީއެވެ. އަދި ކެން ގެ ކެރެކްޓާ ކުޅުނީ ހުނަރުވެރި އެކްޓަރު ރަޔަން ގޯސްލިން އެވެ. މިދެތަރިންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންނަކީ އެމެރިކާ ފެރެރާ، ސިމޫ ލޫ، ޑުއާ ލިޕާ، އެމަރަލްޑް ފެނެލް، އިސާ ރޭ، ކޭޓް މެކިނަން، މައިކަލް ސެރާ އަދި ވިލް ފެރެލް އެވެ.