އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓަލަޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިތަދޫ އަދި މަރަދޫގައި ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މަހުގެ 7 ވަނަ ދުވަހު ހިނގި އޮޕަރޭޝަންގައި ހިތަދޫ ގެއެއް ބަލާ ފާސްކޮށް ދިވެހި 2 ފިރިހެނުންނާ ތައިލޭންޑުގެ 03 އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ އެންމެންގެ ބަންދަށްވެސް 14 ދުވަސް ޖަހާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލާ ފާސްކޮށް ދިވެހި ފިރިހަނަކާ، އިންޑިއާ ފިރިހަނެއްގެ އިތުރުން ތައިލޭންޑުގެ 2 އަންހެނުން އަދި މިޔަންމާގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް 8 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 3 އަންހެނުންނާއި ދިވެހި ފިރިހެންމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައިވާކަމަށެވެ. އަދި ބިދޭސީ ފިރިހެން މީހާގެ ބަންދަށް ވަނީ 4 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގުކުރަމުން އަންނަކަމަށެވެ.