އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީކުރުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް ހަތަރު ލޭނަށް ފުޅާކުރާނެކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ލިންކް ރޯޑްގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރުމަށްވެސް ވަނީ ކޮންޓްރެކްޓްކޮށްފައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އައްޑޫ ލިންކް ރޯޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިނާކުރި، 20 އަހަރަށްވުރެ ގިނަ ދުވަސްވީ މަގެކެވެ. ގިނަ ދުވަސްވުމުގެ ސަބަބުން މަގުގެ އަޑިގުޑަންތައް ހެދި އެކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ކުރަމުންނެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރެވުނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު ކަމަށްވީ ނަމަވެސް، މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށް ޓަކައި ސަރުކާރުން ވަނީ މި މަސައްކަތް އަމަލީ ގޮތުން ހިންގުމުގެ ގާބިލުކަން ހުރި ބޭރުގެ ކުންފުންޏަކަށް ބަދަލުކުރުމަށް ނިންމާފައެވެ.
ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން ގުޅުވައިދޭ މި ލިންކް ރޯޑު ފުޅާކޮށް ތަރައްގީކުރުމުން އައްޑޫ ސިޓީގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބި، ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއާއެކު ސަރަހައްދީ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
