ރޯދައަށް ދަތިނުވެ ފިޔާ, އަލުވި ބިސް ލިބޭނެ ކަމަށް އެސްޓީއިން މީގެ ކުރިން ބުނެފައި ވާ އިރު ބާޒާރަށް ނެރެފައި ވާ ފިޔާ ކުރިއަށް ވުރެ ހެޔޮ އަގުވައި ވިއްކަން ފަށައިފިއެވެ.

އެސްޓިއޯ އިން ބުނީ މި ބާވަތްތައް ރޯދަމަހު ހުސްވިޔަ ނުދީ ހިފެހެއްޓުމަށް އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް މާކެޓް ސްޓޭބްލައިޒް ކުރުމަށް ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ފިޔާ، އަލުވި، އަދި ބިސް ޝިޕްމަންޓްތައް ގެނައުމަށް ހަމަޖެހިފައި ވާކަމަށެވެ.

ފިޔާ ކުރިން ވިއްކި އަގު;

  • 1 ކިލޯ 20 ރުފިޔާ
  • 1 ބަސްތާ 450 ރުފިޔާ
  • 5 ބަސްތާ 400 ރުފިޔާ

އަގު ހެޔޮކޮށް މިހާރު ވިއްކަމުން ދާ އަގު;

  • 1 ކިލޯ 17 ރުފިޔާ
  • 1 ބަސްތާ 320 ރުފިޔާ
  • 10 ބަސްތާ ނަގާނަމަ 310 ރުފިޔާ
  • 20 ބަސްތާ ނަގާނަމަ 300 ރުފިޔާ

އެސްޓީއޯއިން ގެނައި ފިޔާ އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް ހުސްވި މަހުގެ 28 ވަނަ ދުވަހު މާކެޓަށް ނެރެފައި ވާއިރު، ބިސް، އަލުވި އަދި ފިޔާ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން، އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ދަނީ ވިއްކަމުންނެވެ. އެސްޓިއޯ އިން ބުނީ ހޯލްސޭލްކޮށް މުދާ ދޫކުރާނީ ދެ ސަރަހައްދަކުން ކަމަށާ އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށެވެ.

މީގެ އިތުރުން އެސްޓިއޯ އިން ބުނީ އެ ކުންފުނިން އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމް ކޮށްފައިވާ އެސްޓިއޯ ފިހާރަތަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ދާ ކަމަށާ އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެސްޓިއޯއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުންތަކަށް، ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އަދި ބާޒާރުގައި އަގުތަށް އަރައިގެން ދާކަމަށް ފާހަގަކުރެވޭ ތަކެތި ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ރާއްޖޭގެ ބާޒާރުންވެސް ގަންނާނެ ކަމަށް އެސްޓިއޯއިން ބުންޏެވެ. އެގޮތުން، ލީސިންގް ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް އެސްޓިއޯ އިން މާކެޓްގައި ޒަރޫރީބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން ދާނަމަ އެ ކުންފުނިން އިންޓަވީން ކުރާނެ [އެ މުދަލެއް ހޯދާނެ] ކަމަށާ އަދި އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތްވެސް ކުރާނެ ކަމަށެވެ.