20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއް ބަލަމުންދާ ކަން ފުލުހުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓު އަހްމަދު ޒައީމް ބަހުސްގައި ބައިވެރިވުމަށް ސައިކަލުގައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ މީހަކު ވަނީ އޭނާ ގަޔަށް ކަޅުތެޔޮ ޖަހާފައެވެ.

ޒައީމުގެ ގަޔަށް ކަޅުތެޔޮ ޖެހި ފޮޓޯތަކެއް ހާމަކޮށް، އެމްޑީޕީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލުކުރުމުން، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، ޒައީމަށް އަމާޒުކޮށް ކަޅުތެޔޮ ޖެހިކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 4:30 ހާއިރު ކަމަށާއި، ޕާޓީގެ ފަރާތުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޕާޓީގެ އިދާރާގައި ދަންނަވާފައި ވާނެ ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅިކަން ކަށަވަރުކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ:

  • ޒައީމު ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ އެމްއެންޔޫ ކައިރި ޕާކިން ޒޯނާ ހިސާބުން ކަމަށް
  • އެކަން ކުރީ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހަކު ކަމަށް

އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަން ހާމަކުރި ނަމަވެސް، މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.