މި އަހަރު ރަމަޟާން މަހު މާލެ ސަރަހައްދު ބެލުމަށްޓަކައި ހާއްސަ މަސައްކަތެއް ފަށާފައި ވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ އޭރިއާގެ އަމާންކަން ބެލެހެއްޓުމާ، އަދި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ ކަންތައްތަކުގެ ތަފްސީލުވަނީ ހާމަކޮށްފައެވެ.

މިގޮތުން މާލެ ސަރަހައްދުގެ ޗީފް ހެޑް ހުސައިން ސަމީރު ވިދާޅުވީ މާލޭގައި ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ނެގުމަށް ކޮށްފައިވާ އިއުލާނާ އެއްގޮތަށް މާދަމާ އިން ފެށިގެން އެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި މާލެ ސަރަހައްދުގައި އާންމު ދަތުރު ފަތުރަށް ބޭނުންކުރާ މަގުތަކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާނެކަމަށް ސަމީރު ވިދާޅުވިއެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް މައިގަނޑު 6 ސަރަހައްދެއްގައި ޕާކްކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށެވެ. މި ގޮތުން މާލެ ބޭރު މަގު، އަމީނީ މަގު އަދި މަޖީދީ މަގު ފަދަ ބަސް ދަތުރުކުރާ މަގުތަކާ، ސްކޫލު އޭރިއާ އަދި މިސްކިތްތަކާ، ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދުތަކާ، ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާނެކަމަށް ހުސައިން ސަމީރު ވިދާޅުވިއެވެ. އެހެންކަމުން މިހާރުވެސް ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް އެ ސަރަހައްދުތަކުން ނެގުމަށް ހުސައިން ސަމީރު ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހުސައިން ސަމީރު ވިދާޅުވީ މިހާރުވެސް ހިގަން ހާއްސަކޮށްފައިވާ ޕޭމެންޓުގައި 4 ފުރޮޅުލީ އުޅަނދު ޕާކުކޮށްފައިވާކަމަށެވެ.މިކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށް ހުސައިން ސަމީރު ވަނީ ޕޭމެންޓުމަތީގައި ޕާކުނުކުރުމަށް އެދިފައެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ދިއުމަށްޓަކައި ކުރެވޭ މަސައްކަތުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.