މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ހިފައިގެން ފަޅުރަށަކަށް ދަނިކޮށް ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.

ފުލުހުން ބުނީ މުލި ޕޮލިސް ސްޓޭޝަނާ އަދި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް، އެމީހުން ދަތުރުކުރި ލޯންޗާއި އެމީހުން ގެންގުޅުނު ތަކެތި އަދި އެމީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ އަދި 35 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނި ލޯންޗު ބަލައިފާސްކޮށް އެ މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 33 އަހަރާ ދެމެދުގެ މީހުންނެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލާފައިވާއިރު އަދި ދެންތިބި މީހުން ތިންދުވަހާއި ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.