ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ކުރާނީ ޓޯ ކަމަށާއި ސްޓިކާ ނުޖަހާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ މިރޭ ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވާ މައުލޫމާތު ބައެއް މީޑިއާތަކުން ނުބައިކޮށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ ނޫސް ބަޔާނުގައި އިޝާރާތްކޮށްފައިވާނީ އުޅަނދު ޓޯ ކުރާ މާއްދާއަށް ކަމަށާއި ޕާކިން ވައޮލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވާ ގަވައިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މާއްދާއަށް ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދުގެ 14 ވަނަ މާއްދާގެ ށ. ގައި ވަނީ ޕާކިން ވައޮލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވާ ގަވައިދާ ހިލާފަށް ޕާކު ކުރާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރެވިގެން ދާނެކަމަށެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް އަދި އިމަޖެންްސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ނުދުއްވުމަށާއި މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގައި ޕާކިން ޒޯނުތައް ފިޔަވައި އިތުރު ތަންތާ ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.