ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 7 މީހުން ހައްޔަރު ކޮށްފިއެވެ.

ޝަމީމަށް ހަމަލާ ދީފައި ވަނީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު މާލޭ މަގުމަތީގައި ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށެވެ. ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުން ކޮށްގެންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ، ޝަމީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މި އެންމެންނަކީވެސް ދިވެހި ފިިރިހެނުން ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެކި ދުވަސް މަތިން އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އެ ހަމަލައަކީ ދުރާލާ ރާވައިގެން ހިންގި ކަމެއްކަން ތަހުގީގުން ހާމަވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ.

މި ހަމަލާގައި ޝަމީމްގެ ވައަތަށް އަނިޔާވެ އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާވެސް ދީފައެވެ.