ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން އިސްތިއުފާދެއްވާފައި ވަނިކޮށް އިސްތިއުފާދެއްވި ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން އޭނާ 'ވަކިކޮށްފި'އެވެ.
ގާނޫނުއަސާސީ އާ ހިލާފަށް ޝަމީމް އަމަލުކުރައްވަމުންދާ ކަމަށް ވިދާޅުވެ، އޭނާ ވަކިކުރުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި ކުރިއަށް ދިޔަ ވަގުތު ޝަމީމް އިސްތިއުފާދެއްވިކަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ހަމަ އެހެންމެ ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް މެއިލްކުރައްވާފައިވާ ކަން އެ އޮފީހުން ކަށަވަރުކޮށްދީފައި ވެސް ވެއެވެ.
މިރޭގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ނިޒާމީ ނުކުތާ ނަންގަވައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ޖަލްސާ ހިނގަމުން ދިޔަ ވަގުތު ޝަމީމް އިސްތިއުފާދެއްވިކަމަށް މީޑިއާ އާ ހަވާލާދެއްވައި ވިދާޅުވެފައެވެ. އަދި ޝަމީމް ވަކިކުރުމުގެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔަ ވަގުތު ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޒިޔާދު ވެސް ވަނީ ރިޔާސަތުގެ ސަމާލުކަމަށް އެކަން ގެނެސްދެއްވައިފައެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝަމީމް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ރައީސް އޮފީހުން މަޖިލީހުގެ އިދާރާއަށް ނާންގާހާ ހިނދަކު ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ. މި މައްސަލައިގެ ވޯޓާ ހަމައަށް ދިޔައިރު ވެސް، ރައީސަށް ޝަމީމްގެ ސިޓީ ލިބިފައިވާކަން ރައީސް އޮފީހުން މަޖިލީހުގެ އިދާރާ އަށް އަންގާފައިނުވާ ކަމަށް ވެސް އިދާރާ އާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
އެއަށްފަހު މިރޭގެ ޖަލްސާގައި އޮތީ ޝަމީމް ވަކިކުރުމާ މެދު ގޮތެއް ނިންމުމެވެ. ރިޔާސަތުން ވޯޓަށް އެހުމުން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވި 75 މެންބަރުންގެ ތެރެއިން 64 މެންބަރުންނެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު ވަކިކޮޅަކަށް އެއް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މިރޭގެ ޖަލްސާ ނިންމަވާލައްވަމުން ނާޒިމް ވިދާޅުވީ، ޕްރޮސެކިއުޓަރު ޖެނެރަލް މަގާމުން ވަކިކުރާތާ 30 ދުވަހުގެ ތެރޭ އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު ނިންމާލިޔަސް ދައުރުން ބޭރު ދެ ޖަލްސާއެއް އެކަމަށް ބާއްވާނެ ކަމަށެވެ. އަދި ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ތާވަލުކުރުމުގެ ތިން ދުވަސް ކުރިން މެންބަރުންނަށް އަންގަވާނެ ކަމަށް ވިދާޅުވިއެވެ.