ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ތުހުމަތު ކުރެވޭތީ ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޖެނުއަރީ 31، 2024 ވަނަ ދުވަހުގެ ހެނދުނު ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަތް މީހުން ހައްޔަރު ކޮށް، މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައި ވަނީ އޮގަސްޓު 18، 2024 ގައެވެ. އެ މައްސަލައާ ގުޅުވައި ޕީޖީ އޮފީހުން ވަނީ ހައްޔަރުކޮށްފައިވާ ހަތް މީހުން މައްޗަށް ދައުވާކޮށް، އޮގަސްޓު 22، 2024ގައި ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:1- ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށި

2- ޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލި

3- އަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލި

4- ރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫ

5- މިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށި

6- މުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން

7- އަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ

ޕީޖީ އޮފީހުން ވަނީ އެ ހަތް މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނުކަމުގެ ދައުވާކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އެ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާކަމަށް ހުކުމްކޮށް އެ މީހުން ދޫކޮށްލާފައެވެ. އެގޮތަށް ކަނޑައެޅި ސަބަބަކީ ދައުލަތުގެ ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑިއާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހާދިސާ ހިނގި ވަގުތާއި، ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގު ހުރުމުން ދައުލަތުން ޝަރީއަތަށް އެ ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި، ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުގެ ސަބަބުން އެންމެ މުހިންމު ހެއްކާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެއެވެ. އެއީ، އެ ހެކީގެ ބުރަދަން ދަށްވުން ކަމަށް ވެސް ބުނެފައި ވެއެވެ.