ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކި ކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައި ވާއިރު، ޝަމީމް މަގާމުން ވަކިކޮށްފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބެލުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 11 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލާ މީހާގެ ޝަރުތުތައް:

  • މުސްލިމަކު ކަމުގައިވުން

  • ދިވެހި ރައްޔިތަކު ކަމުގައިވުން

  • އުމުރުން 25 އަހަރު ވެފައިވުން

  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް، ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

  • ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން

  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

  • ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއެކު ޝަރުއީ ނުވަތަ ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 އަހަރު ވެފައިވުން

  • ޕީޖީގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން

  • ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ މިނޫންވެސް މިފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން

  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޕީޖީ ކަމަށް ކުރިމަތިލުމަށް އެދޭ ފޯމް، ޕީޖީ ކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު، ކުށާއި ދަރަނީގެ ރެކޯޑު ފޯމް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމް، ސީވީ އަދި ތައުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯ ކޮޕީ ހުށަހެޅުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.

ރައީސް އޮފީހުން ބުނީ އެ ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ އަންގާރަ ދުވަހާއި 11 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިގްރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.