ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ އޮޕަރޭޝަންސް ފެށުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފިއެވެ.

މިއަދު ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އާ ޓާމިނަލަށް އޮޕަރޭޝަންސް ބަދަލު ކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެ ޓާމިނަލް ބޭނުންކުރަން ފެށުން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއާޕޯޓުގައި ހިދުމަތް ދޭ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާ ޓާމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއާޕޯޓުގައި ހިދުމަތްދޭ ފަރާތްތައް ހިމެނޭ ހާއްސަ ކޮމިޓީތައް އުފެދިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއާޕޯޓުގައި ހިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ވަނީ ބައިވެރިވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އާ ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓާމިނަލާއި، ވީއައިޕީ ބިލްޑިންއަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔާ ސްޓޭޝަނެއް ވެސް ވަނީ ގާއިމު ކޮށްފައެވެ.