މި ސަރުކާރުން އުޅެނީ ކައުންސިލްތަކަށް ބިރު ދައްކަންކަމަށާއި، ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން މިފަދައިން ބުނެފައިވަނީ ރައީސް ޑރ. މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ކުރައްވަމުންގެންދާ ދަތުރުތަކެއްކަމަށާއި އެކަން ކުށްވެރިކުރާކަމަށް ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ބަޔާނެއް ނެރެފައިވަނިކޮށެވެ.

މި ބަޔާން އަނބުރާ ގެންދިއުމަށް ލޯކަލް ގަވަންމަންޓް އޮތޯރިޓީއިން އެ ކައުންސިލަށް އެންގި އެންގުން އެމްޑީޕީ އިން ކުށްވެރިކުރާކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ. އަދި މިފަދައިން އެންގުމަކީ 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަގެ ބާރު ކަނޑުވާލާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑްކުރި ފަދައިން އަލުން އެފަދަ ސިޔާސަތުތައް ގެންނަން މި ސަރުކާރުން މަސައްކަތްކުރާކަން ހާމަވާކަމެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީ އިން ވަނީ މި ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާކަމަށް އިއުލާނުކުރުމާ ހިސާބުންވެސް ކަންބޮޑުވުން ފާޅުކޮށް އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމުގައި ބުނެފައެވެ.

އަދި އެމްޑީޕީ އިން ވަނީ “އެޓޯލްސް” މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި “އެޓޯލްސް” މިނިސްޓްރީ އުވާލުމަށް ވަނީ ގޮވާލާފައެވެ.