ކަނޑުން ބައެއް ގެއްލުނީ ކަމަށްބުނެ މި ސަރުކާރުން ދެއްކީ ދޮގު ވާހަކަތަކެއް ކަމަށާއި މި ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 28 އެޕްރީލް 2023 ގައި އިޓްލޮސް އިން ކޮށްފައިވާ ހުކުމާ ގުޅޭގޮތުން އެ ދުވަހުން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށާއި އެ ހުކުމުގެ ފަހުން 10 މަސްދުވަސް މިހާރު ފާއިތުވެފައިވާއިރުވެސް ބުރަދަނެއް ހުރި ވާހަކައެއް ނުވަތަ ކަމެއް ދެއްކިފައި ނުވާ ކަމަށެވެ.

އިޓްލޮސްއަކީ އަންކްލޮސް ގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށްވާއިރު، އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފް ނުކުރެވޭނެކަމަށާއި، އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމުކަމަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ބުނެފައެވެ. އަންކްލޮސް އަކީ 7 ސެޕްޓެންބަރު 2000 ގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެކެވެ. އެ މުއާހަދާއަށް އަމަލުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ހިމެނާފައިވެއެވެ. އެ 14 ހަފުތާ ހަމަވިފަހުން 26 ފެބުރުވަރީ 2024 ގައި އެ މައްސަލައާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނުން އެ މައްސަލަ އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަންވެސް ސާފު ނުވާ ކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ.