ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދައިގެ ފަހުގެ ތާރީހަކަށް ބަދަލު ކޮށް އެ ތާރީހް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށް ދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން އެދިއްޖެއެވެ.

މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، އިންތިހާބު ފަސްކުރުމުގެ ބިލު ފާސްކޮށްފައި ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވަނީ ނެންގެވެން އޮތް އެންމެ ގިނަ މުއްދަތެއް ނަންގަވާ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާފައި ކަަމަށެވެ.

އެކަން އެ ގޮތަށް ކުރެއްވީ ވެސް ނުފޫޒުން އިންތިހާބު ފަސް ނުކުރުމަށް ކަމަށް ބިގޭ ތުހުމަތު ކުރެއްވިއެވެ. އެ ގޮތުން އަނބުރާ ފޮނުވާލި ބިލު މިއަދު 47 މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވާ ކަން ފާހަގަ ކުރައްވަމުން ބިގޭ ވިދާޅުވީ، ދެން އެ ބިލު ރައީސް ޖެހިވަޑައިގަންނަވާނީ ތަސްދީގް ކުރައްވަން ކަމަށެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ، އެ ބިލު ތަސްދީގު ކުރައްވަން ދެން އިލެކްޝަންސް އިން ގޮތެއް ނުނިންމާ ނުތިބުމަށެވެ. ވީހާ ވެސް އަވަހަކަށް ދެން މަޖިލިސް އިންތިހާބު ބޭއްވޭނެ ތާރީހެއް ހާމަ ކުރުމަށް ހިސާން ވަނީ އީސީއަށް ގޮވާލައްވާފައެެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ރޯދަ މަސް ތެރޭ ބާއްވަން އިލެކްޝަންްސް ކޮމިޝަނުން ބުނެފައި ވަނިކޮށް އެމްޑީޕީން ވަނީ މި އިންތިހާބު ރޯދައިގެ ފަހަށް ބާއްވަން އެދިފައެވެ. އެ ގޮތުން މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ހުށަހެޅި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް އަނބުރާ ފޮނުވާލައްވާފައެވެ.

މި ބިލު މަޖިލީހަށް އަނބުރާ ފޮނުވާލަން ރައީސް މުއިއްޒު ނިންމެވީ ބަންޑާރަނައިބު އަހްމަދު އުޝާމްގެ ލަފާގެ މަތިން ކަމަށް ވިދާޅުވިއެވެ. އަދި އެ ބިލުގައި ފާހަގަ ކުރެއްވި ބައެއް ކަންކަން އިސްލާހުކޮށް އަލުން އެ ބިލު ފޮނުވުމާ މެދު މެންބަރުން ވިސްނާވަޑައިގަތުމަށް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައި ވެއެވެ.

އެގޮތުން މިއަދު މަޖިލީހުގެ ރިޔާސަތުން ވަނީ މިކަމާ މެދު ބަހުސްކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތުގައި ބިލު އޮތް ގޮތަށް އަލުން ފާސްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހެޅުއްވުމުން، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ. އަދި މިއަދު އެ ބިލު ފާސްކުރީ ވޯޓުދެއްވި 61 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރަކު ވޯޓު ދެއްވިއެވެ.