ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކަސްޓަމްސް ސާވިސްއިން ހާސިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ "ސްމާޓް ގޭޓް" ހިދުމަތް މިއަދު އިފްތިތާކޮށްފިއެވެ.
އެ ހިދުމަތް އިފްތިތާހްކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއާޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި އަވަސް ހިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާ ކަމަށެވެ. އަދި އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ހިދުމަތްދިނުމަށް ތައްޔާރަށް ކަމަށާއި މިއަދު ފެށުނީ އޭގެތެރެއިން މުހިއްމު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފަސިންޖަރުންނަށް ދެވޭ ހިދުމަތް އަވަސްވެ، ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.
ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް އެއް މަންޒިލުކަމަށްވާއިރު އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިދްމަތް ހޯދާ ދަތުރުވެރިންގެ ބޮޑު ޕަސެންޓަކީ ފަތުރުވެރިންކަމަށްވެފައި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ދެވޭ ހިދުމަތަކީ ގާނޫނާ ގަވާއިދުތަކުގެ އިމުގެ ތެރެއިން އަވަސް އަދި ލުއިފަސޭހަ ހިދުމަތަކަށްވުމަކީ ރާއްޖޭގެ އިގްތިސޯދަށް ވަރަށް މުހިއްމު ކަމެއް ކަަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެހެންކަމުން މިއަދު އެ އިފްތިތާހް ކުރެވުނު "ސްމާޓް ގޭޓް" ވެގެންދާނީ ދަތުރުވެރިންނަށް ފަސޭހަކަމާއި އެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިއްމު ވަސީލަތަކަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްއޭސީއެލްއިން ބުނީ މި ވަގުތު ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭންކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކާ ހަރުކުރެވި "ރެޑް ޗެނަލް" އިން ލަގޭޖްތައް ހުޅުވައި އިތުރަށް ބަލާފާސްކުރަމުންގެންދާނެ ކަމަށާއި ސްމާގް ގޭޓް ހިދުމަތާއިއެކު ކުރިން ބޭނުންކުރަމުންއައި ރަތް ސްޓިކާގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރްއެފްއައިޑީ) ޓެގްއެއް ކަމަށެވެ. އަދި އެހެންކަމުން މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯދޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެމްއޭސީއެލްއިން ބުނީ ކްލިއަރަންސް ނުނިންމާ ނިކުންނަން މަސައްކަތްކުރައްވާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެ ކަމަށާއި އެ ހިދުމަތާއެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި ފުރިހަމަކުރެވިގެންދާނެ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ސްމާޓް ގޭޓްގެ ހިދުމަތް ގާއިމު ކުރުމާއެކު އެ އެއާޕޯޓުން ހިދުމަތް ހޯއްދަވާ ދަތުރުވެރިންގެ ކްލިއަރަންސް ވަރަށް ބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނީ ހިދުމަތް ގާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމާއި މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވާއިދާއި ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވެ ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.