ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކުރަން ވިސްނުން ހުރި ކަމަށް ޕީޖީއިން ބުނެފިއެވެ.

އެ މައްސަލައަށް 7 އަހަރު ވާން ގާތްވެފައިވަނިކޮށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ. އެ ހުކުމާއެކު ދައުވާ އުފުލު މީހުން ވަނީ ސަލާމަތްވެފައެވެ.

އެކަމާ ގުޅިގެން ޕީޖީއިން ބުނީ އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަ ގެންގުޅޭ ކަމަށާއި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ނުލިބޭ ކަމަށެވެ. އަދި ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު އެންމެ ފަހު ނިންމުމެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަވަމުން ވިދާޅުވީ ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކި ބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށް ނަދީމް ވިދާޅުވިއެވެ.

ދައުވާ އުފުލި ބައެއް މީހުންގެ ކޯލް ޑީޓެއިލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް ވާތީ އެއީ ވެސް ބުރަދަން ދެވޭނެ ހެއްކެއް ގޮތުގައި ޝަރީއަތުން ބަލައިގެންފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މައްސަލާގައި ދައުވާ އުފުލި ކުއްޖާއަށް މިހާރު 18 އަހަރުވެފައިވީ ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން 18 އަހަރު ނުވަނިސް ކުރި ކުށެއްގެ މައްސަލަ ކުރިއަށް ގެންދާނީ ހަމައެފަދައިން ކަމަށެވެ. މި މައްސަލާގައި އަނަސްގެ ހުރިހާ ވާރިސުން ހައިކޯޓުގައި މަރަށް މަރު ހިފުމަށް އެދުނު ނަމަވެސް ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކަށް މަރުގެ އަދަބެއް ނުދެވެއެވެ.

އެ ކުޑަކުއްޖާގެ އަދަބު ލުއިކޮށްދެއްވާފައިވާއިރު އޭނާގެ މައްޗަށް ހައިކޯޓުގެ ފަނޑިޔާރުގެ އިއްތިފާގުން 18 އަހަރާއި 9 މަހަށް ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާގެ އަދަބު 10 އަހަރަށް ލުއިކޮށްދީފައެވެ.