ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، މި ބިލަކީ ވަކި ޕާޓީއަކުން އައްޔަން ކޮށްގެން ހޮވޭ ކެންޑިޑޭޓަކު ޕާޓީ ބަދަލުވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އާންމު ރައްޔިތުން ހިއްސާކުރަމުންދާތީ އެކަން ހުއްޓުވުމަށް ހުށަހަޅާފައިވާ ގާނޫނެއް ކަމަށެވެ. މި ބިލް މަޖިލީހުގެ ތަޅުމުގައި އަދި ކުރިއަށް ގެންދެވޭނެ ޖާގަ ނުލިބި ދާ ކަން ބިގޭ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބިލުގެ ތަފްސީލް ދެއްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ކުރިން އޮތް ގާނޫނުގެ އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ ޕާޓީއަކުން މެންބަރު ވަކި ކުރުމުން އެ މެންބަރެއްގެ ގޮނޑި ހުސްވުން ކަމަށެވެ. ސިޔާސީ ޕާޓީއަކަށް ނާޖާއިޒް ގޮތުގައި އެވަރުގެ ބާރެއް މެންބަރަކަށް ފޯރުވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި މިހާރު ހުށަހަޅާފައިވާ ބިލުގެ ތަފާތަކީ ސިޔާސީ ޕާޓީއަކުން ވަކި ކޮށްފި ނަމަ އެ ދާއިރާގެ ރިކޯލް ވޯޓަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދާން ޖެހުމާއި އެ މެންބަރެއްގެ ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުން އޭނާ އަށް ނޫނެކޭ ބުނެފި ނަމަ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި އެ މެންބަރު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އޭނާ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށާއި އެ ބިލު މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެޖެންޑާ ކުރުމުގައި އިދާރީ ދަތިތަކެއް ހުރި ކަން ހިސާން ވެސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއ ދަތިތަކުގެ ތަފްސީލް ހާމައެއް ނުކުރައްވައެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅާ ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލާފައެވެ. ނަމަވެސް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގަތުމާއެކު އެ ޕާޓީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ.