ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ މިހާރު ބާތިލް މައްސަލައެއްގެ ގޮތުގައި އެމްޑީޕީން ބުނެފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހެދުމަކީ ރައްޔިތުން މަޖިލީހުގެ ބާރެއްގެ ގޮތުގައި އޮންނަ ކަމެއް ކަމަށާއި އެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލިސްގެ ގަވާއިދު ހެދުމުގެ ބާރު ލިބިފައި ވަނީ އާންމު ކޮމިޓީއަށް ކަމަށެވެ. އެ ކޮމިޓީން ފާސްކުރުމަށް ފަހު ރައްޔިތުން މަޖިލީހުގެ ތަޅުމަށް ގަވައިދުތައް ގެނެވި ފާސްކުރާ ހިސާބުން ގާނޫނަކާ އެއްހަމައިގެ ބާރުވެރިކަމުގެ ތެރެއިން ހިންގާ ކަމެއް ކަމަށް ބިގޭ ވިދާޅުވިއެވެ.

މިޖިލީހުގެ ކަންކަމުގައި ދައުލަތުގެ އެއްބާރު އަނެއް ބާރަށް އިހްތިރާމް ނުކުރާތަން ފެނިވަޑައިގަންނަވާ ކަމަށް ބިގޭ ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާ (ކ) އާއި (އ) އާއި (ވ) ވާނީ މަޖީލީހުގެ ގަވާއިދަށް އަކުރެއް އިތުރުކޮށް ބަދަލު ގެނެސްފައި ކަމަށް ބިގޭ ވިދާޅުވިއެވެ. އެ ބަދަލުތަކާ އެކު ސުޕްރީމް ކޯޓަށް މަޖިލިސް އިދާޜާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި މި ވަނީ މަޖިލީހުގެ ރުހުން ލިބިފައި ނުވާ ބަންޑާރަ ނައިބެއް ކަން ބިގޭ ފާހަގަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ފާޑުވިދާޅުވަމުން ބިގޭ ވިދާޅުވީ، މަޖިލިސް ގާނޫނީ ގޮތުން ދިފާއު ކުރަން ހުރި ތަނަކީ ބަންޑާރަ ނައިބުގެ އޮފީސް ކަމަށާއި ނަމަވެސް މަޖިލީހާ ދެކޮޅަށް އެ އޮފީހުން ވަކާލަތު ކުރާތީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަކީ ސަރުކާރުން ވަކި މަންފާއެއް ހާސިލް ކުރުމުގެ ނިޔަތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ 49 ވަނަ މާއްދާގެ ތިން މާއްދާއެއް އުވާލައި އިތުރު ކުރި މާއްދާގެ ސަބަބުން މިހާޜު ސުޕްރީމް ކޯޓަށް ހުށހަެލީފަިއވާ މައްސަލަ ވނީ ބާތީލް މައްސަލައެއްގެ ގޮތުގައި ކަމަށް ބިގޭ ހާމަކުރެއްވިއެވެ. މިކަން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ބިގޭ ވިދާޅުވީ، މީގެ ކުރިން ގަވާއިދުގައި ބުނާ ގޮތުގައި މަޖިލީހުގެ މެންބަރެއް އަދާ ކުރާ ފަސް އަހަރުގެ ދައުރުގެ ތެރޭ އިސްތިއުފާ ދީފި ނަމަ، މަޖިލީހުގެ ކޯރަމް ގުނާނީ ޖުމްލަ މެންބަރުންގެ އަދަދުން ހުސްވި ގޮނޑި އުނިކޮށްގެން ކަމަށެވެ.

ނަމަވެސް އާ އިސްލާހާ އެކު އައިސްފައިވާ ބަދަލަކީ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭ ހިސާބުން 6 މަހުގެ މުއްދަތެއް ނެތި، އިންތިހާބު ބާއްވާނެ ހާލަތެއް ނެތުމުން މަޖިލީހުގެ މެންބަރުން ގުނާނީ އެ މެންބަރުންގެ ގޮނޑީ އުނިކުރުމަށް ފަހުގައި ކަމަށް ބިގޭ ވިދާޅުވިއެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެގެން ދާނީ ބާތިލް މައްސަލައެއް ކަމަށް ބިގޭ ވިދާޅުވިއެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން ހުށަހަޅާފައިވާ ކަަމަށް ބިގޭ ވިދާޅުވިއެވެ. މި ބިލަކީ ވަކި ޕާޓީއަކުން އައްޔަން ކޮށްގެން ހޯވޭ ކެންޑިޑޭޓަކު ޕާޓީ ބަދަލުވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އާންމު ރައްޔިތުން ހިއްސާުރަމުންދާތީ އެކަން ހުއްޓުވުމަށް ހުށަހަޅާފައިވާ ގާނޫނެއް ކަމަށް އެމްޑީޕީން ބުނެއެވެ. މި ބިލް މަޖިލީހުގެ ތަޅުމުގައި އަދި ކުރިއަށް ގެންދެވޭނެ ޖާގަ ނުލިބިދާތީ އެކަން ވެސް ބިގޭ ވަނީ ފާހަގަ ކުރައްވާފައެވެ.