މާލޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ، ފުލުހުން ހައްޔަރުކޮށްފިއެވެ.
އެމީހާ ހޯދުމަށް މިއަދު ހެނދުނު ފުލުހުންގެ އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހަނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި މިހާ އާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހާ އެ އަމަލުތަކަކީ އެ ޕިކަޕްގެ ފަހަތުން ދާ ސައިކަލުތަކުގައި ތިބި މީހުންނަށް ދެއްކުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ދޭހަވެއެވެ.
އެ މީހާ ހަޑިހުތުރު ވައްތަރުތައް ޖެއްސިއިރު އެ ޕިކަޕުގައި އިތުރު ފިރިހެނަކު ހުރި ނަމަވެސް އެ މީހާގެ އެ އަމަލު ހުއްޓުވަން އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެއެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުގެ މަގުމަތީގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުން ދާ މައްސަލަ އިތުރުވަމުން އަންނައިރު، މިފަދަ މީހުން ހުއްޓުވުމަށް އެކަށީގެން ވާ ފިޔަވަޅު ނޭޅޭކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.