މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތައް ކްރޮސްރޯޑްސް ގައި ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަޑު މަގުސަދަކީ އެމްއޭސީއެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމަށާ އަދި މިއަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުމެވެ.

މި ފޯރަމްގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާ، ކުންފުނީގެ ޑިވިޝަން، ޑިޕަރޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ފޯރަމް ފައްޓަވައި ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއްކަމަށެވެ. އަދި އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމުކަމެއްކަމަށެވެ. "ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަޤްބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ.

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމްއޭސީއެލް ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. އެމްއޭސީއެލް އިން ބުނީ މިފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.