އައްޑޫގެ އަވަށްތަކުގައި އިޝްތިހާރު ކުރުމަށް އުސޫލެއް ކަނޑައަޅައި އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރާނަމަ ސިޓީ ކައުންސިލަށް ފީއެއް ދައްކާގޮތަށް އެކުލަވާލި އުސޫލަށް އަމަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

އައްޑޫ ސިޓީގައި އެކިއެކި ޙަރަކާތްތަކާ ގުޅިގެން ރަށުތެރޭގައި ހަރު ކުރެވޭ އިޝްތިހާރުތަކާ ބެހޭ އުސޫލު ގެޒެޓުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުން އަދިވެސް ގިނަ ބަޔަކު މި އުސޫލާ އެއްގޮތަށް އަމަލު ކުރަމުން ނުދާއިރު، އައްޑޫ ސިޓީ ކައުންސިލުން ވަނީ ސިޔާސީ ޕާޓީ، އަމިއްލަ ފަރުދުން އަދި ކުންފުނިތަކުން ރަށުތެރޭގައި ބެނާ، ބިލްބޯޑް، ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމުގެ ކުރިން އެކަމަށް ބޭނުންވާ ހުއްދަ ހޯދައި އުސޫލާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

އެކި ހަރަކާތްތަކާއި ގުޅިގެން ރަށުތެރޭ އިޝްތިހާރުތަކާއިބެހޭ އުސޫލު" ނަމުގައި އައްޑޫސިޓީ ކައުންސިލުން ފާސްކުރި އުސޫލުގައިވާ ގޮތުން ވަކި އަވަށެއްގައި އިޝްތިހާރު ކުރާނަމަ އެ އަވަށެއްގެ އަވަށު އޮފީހަށް ފޯމު ހުށަހަޅައިގެން އިޝްތިހާރު ކުރެވޭނެއެވެ. އަދި މުޅި ސިޓީގެ ހުރިހާ އަވަށެއްގައި އެއްފަހަރާ އިޝްތިހާރު ނުވަތަ ކެމްޕެއިން ކުރާނަމަ، ހުށަހަޅަން ޖެހޭނީ އައްޑޫ ސިޓީ ކައުންސިލަށެވެ.

މި އުސޫލުގެ ދަށުން އަގުނެގުމަށް ހަމަޖެހިފައިވަނީ އާންމު ފަރުދަކަށް 1500 ރުފިޔާ، ރެޖިސްޓަރީ ކުރެވިފައިވާ ޖަމިއްޔާއެއް ނުވަތަ ވިޔަފާރިއަކުން ވަކި އަވަށެއްގައި އިޝްތިހާރު ކުރާނަމަ 5000 ރުފިޔާ އަދި މުޅި ސިޓީއަށް އަމާޒުކޮށްގެން ވަކި ފަރުދަކަސް ޖަމިއްޔާއަކުންވެސް އަދި ވިޔަފާރިއަކަސް ހުއްދައަށް އެދޭ ނަމަ 10،000 ރުފިޔާއެވެ.

މީގެ އިތުރުން މި އުސޫލާ ހިލާފަށް އަމަލު ކުރާ ފަރާތްތަށް ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން އާންމު ފަރުދެއްނަމަ 500 ރުފިޔާ އާއި 2000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިޔަފާރިއެއް ނުވަތަ ޖަމީއްޔާއެއް ނަމަ 2000 ރުފިޔާ އާއި 10،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.