5 ލައްކަ ރުފިޔާގެ ސްކޭމް މައްސަލައިގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

މިއީ މި މަހުގެ 13 ވަނަ ދުވަހު ފުލެޓް ލިބިފައިވާ ކަމަށް ބުނެ އޯޓީޕީ ހޯދައިގެން 500،000 ރުފިޔާ މަކަރާ ހީލަތުން ހޯދައިގެން ފުލުހުން ބަލަމުންދިޔަ މައްސަލައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ދިވެއްސެއް ކަމަށާއި ކޯޓް އަމުރެއްގެ ދަށުން މި މަހުގެ 17 ވަނަ ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމާފައިވާ ކަަމށެވެ. އެ ގޮތުން އޭނާގެ މައްޗަށް ވަނީ 15 ދުވަހުގެ ބަންދެއް ޖެހުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

5 ލައްކަ ރުިފޔާގެ ސްކޭމްގެ މައްސަލައެއްގެ އިތުރުން ވެސް އެޗްޑީސީން ފްލެޓް ލިބުނު ކަމަށް ބުނެ މީހެއްގެ އަތުން 2 ލައްކަ ރުފިޔާ ހޯދި މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. މަކަރާއި ހީލަތުން އެތައް ބައެއްގެ ފައިސާ ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާ އިރު މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުންގެ އިތުރުން ބޭންކު ތަކުން ވެސް ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެގޮތުން އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށް ބީއެމްއެލް އިން ވަނީ މީގެ ކުރިން އިރުޝާދު ދީފައެވެ. އަދި ހަމައެހެންމެ އެގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.