މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގެންފައިވާ މައްސަލައެއްގައި ތުހުމަތުވާ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި މިހާތަނަށް 4 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 24 އަހަރުގެ ފިހެނަކާ އަންހެނެއްގެ އިތުރުން، 23 އަހަރުގެ ފިރިހެނެކެވެ. އަދި 16 އަހަރުގެ ކުޑަކުއްޖެކެވެ. މި މައްސަލައިގައި ކުޑަކުއްޖާ ނޫން ދެން ތިބި މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ އިކޮނަމިކް ކްރައިމްސް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މި ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާއި އެކު ވަގުތުން ކޯޑިނޭޓް ކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ހޯދާފައިވާ ކަަމަށެވެ. މި ގޮތުން އިސްލާމިކް ބޭންކުގައި ހުރި އެކައުންޓުން ޖުމުލަ 1.8 މިލިއަން ރުފިޔާ ފޭރިގެންފައިވާއިރު އޭގެ ތެރެއިން ޖުމުލަ 1.6 މިލިއަން ރުފިޔާ މިހާރު ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފްސީލާ، ސްކޭމްގައި ބައިވެރިވި މީހުންކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭތަން ބަލައި ފާސްކޮށްގެން ވެސް ބައެއް ފައިސާ ހޯދާފައިވާކަމަށެވެ. މި މައްސަލައިގައި ހިމެނޭ ފައިސާ ތުހުމަތުވާ ތިން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެންނާ އަދި އެހެން އެކައުންޓުތަކަށް ޖަމާކޮށްގެން، އަދި އެކިއެކި އެއްޗެހި ގަނެގެން ވެސް ތަފާތު ގޮތްގޮތަށް ބޭނުންކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ،

ސްކޭމްތައް ހިންގަނީ ޖަލުންކަމަށާއި، އެކަމަށް ފިޔަވަޅު ނޭޅޭކަމުގެ ވަހަކަތައް ވަރަށް ބޮޑަށް ދެކެވެމުން އަންނައިރު އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމްތައް ހިނގަނީ ޖަލުގެ ތެރޭންކަމަށް ކުރިން ހީވެފައި އޮތް ނަމަވެސް މިހާރު އެކަން ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާކަމަށެވެ. އަދި މި ކޭސްއަކީ ވެސް، މީހެއްގެ ފޯނުގެ މައުލޫމާތުތައް ހޯދައިގެން އެކައުންޓުން ފައިސާ ފޭރިގަތް މައްސަލައެއްކަން އަބްދުﷲ ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށް ދާކަމަށާއި މައްސަލައިގައި އިތުރު ބައެއްގެ ޝާމިލުވުން އޮވެދާނެކަމަށް ބެލެވެތީ އެކަން ތަހުގީގު ކުރަމުންދާކަމަށެވެ.