މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނުގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އައްޔަންކުރައްވައިފި އެވެ.

ފުލުހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ސްޕޯކްސްޕާސަންގެ މަގާމަކީ ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރުގެ ހެޑްގެ މަގާމުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޝިފާން ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވާފަ އެވެ.

އޭގެ ފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ އޭނާ ހުންނެވީ ޕޮލިސް ކޮލެޖުގެ ވެރިޔަކަށް ހަމަޖައްސާފައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ މާލެ ސިޓީ ޕޮލިސްގެ ވެރިއެއްގެ މަސްއޫލިއްޔަތުވެސް އަދާ ކޮށްފައެވެ.