ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަވަސްކޮށްފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ފުރަތަމަ ތާވަލުކޮށްފައިވަނީ 25 ފެބްރުއަރީ ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:45 އަށެވެ. އެހެންނަމަވެސް މިހާރު ތާރީހު އަވަސްކޮށް، މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ފެބްރުއަރީ 21، 2024 ގެ ހެނދުނު 10:00 އަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސް އަދި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންކަމުގައިވާއިރު އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ. އެހެންނަމަވެސް މި ސަރުކާރުގެ ވަޒީރުކަމަށް އައްޔަންކުރި 7 މެންބަރުންގެ ގޮނޑި ހުސްވުމުން މިހާރު ވަނީ މަޖިލީހުގައި ތިބި ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައަޅާފައެވެ.

މިއާއި އެކު އެމްޑީޕީ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާ، އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނެސްފައެވެ. މަޖިލީހުގެ ގަވައިދަށް ގެނައި މި ބަދަލާއެކު، އެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ޖެނުއަރީ 28، 2024 ގައެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.